ސަތޭކަ އެމްބީޕީއެސް އާ ހަމައަށް ހަލުވި ސްޕީޑްތަކާއި އެކު، އުރީދޫ ސުޕަރނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ޚިދުމަތް ޅ. ނައިފަރަށް ތައާރަފްކޮށްފިއެވެ.

"އަޅުގަނޑުމެންގެ ދިރިއުޅުމުގެ ވައްޓަފާޅި ބަދުލުވެ، އިންޓަނެޓަށް ބަރޯސާވެފައިވާ މިނަވަރު ދަނީ ދުވަހެއް ދުވަހަކުން އިތުރުވަމުން. އެހެންކަމުން އަޅުގަނޑުމެންގެ މަގްސަދަކީ ފެންވަރު ރަނގަޅު އިންޓަނެޓް ގެ ހިދުމަތް ރާއަޖޭގެ ހުރިހާ ރަށަކަށްވެސް ފޯރުކޮށްދިނުން. އެގޮތުގެ މަތިން 100 އެމްބީޕީއެސްގެ ހަލުވި ސްޕީޑާއެކު އުރީދޫ ސުޕަރނެޓް ފިކްސްޑް ބްރޯޑްބޭންޑްގެ ޚިދުމަތް ޅ. ނައިފަރުގެ ރައްޔިތުންނަށް އިތުރު ފުރިހަމަކަމާއި އެކު އިންޓަނެޓްގެ ހިދުމަތް ބޭނުންކުރުމުގެ ފުރުސަތު ހުޅުވާލެވުމަކީ، އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. ކުރިއަށް އޮތް ތަނުގައިވެސް ދިވެހި ރައްޔިތުންނަށް އިޤްތިސޯދީ އަދި އިޖްތިމާއީ ކުރިއެރުން ހޯދައިދިނުމަށް އަޅުގަނޑުމެން ކުރަމުންދާ މިފަދަ މަސައްކަތްތައް ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައިވެސް ކުރަމުންދާނެ ކަމުގެ ޔަގީންކަން އަރުވަން." އުރީދޫގެ އެކްޓިންގް ޗީފް ކޮމަރޝަލް އޮފިސަރ ހުސައިން ނިޔާޒު ވިދާޅުވިއެވެ.

ކަސްޓަމަރުންގެ ތަފާތު ބޭނުންތަކަށް އެކަށޭނެ ގޮތަށް ފަރުމާ ކުރެވިފައިވާ ހަލުވި ސްޕީޑުގެ އިންޓަނެޓް ޕެކޭޖްތަކެއް އުރީދޫ ސުޕަރނެޓްގެ ޚިދުމަތް ބޭނުން ކުރައްވާ ބޭފުޅުންނަށް ލިބިގެންދެއެވެ. މިގޮތުން، ނައިފަރުގެ ރައްޔިތުންނަށް، އެންމެ ހެޔޮއަގުގައި، އިންޓަނެޓްގެ ޚިދުމަތް ސުޕަރނެޓް ފިކްސްޑްބޯޑްބޭންޑް މެދުވެރިކޮށް މިހާރު ލިބިގެންދާނެ ކަމަށް ވެސް އެކުންފުނީން ވިދާޅުވިއެވެ.

މި ޚިދުމަތް ހޯއްދެވުމަށް، ނުވަތަ ސުޕަރނެޓް ޕެކޭޖްތަކާއި ބެހޭ އިތުރު މައުލޫމާތު ހޯއްދެވުމަށް، http://ore.do/getsupernet އަށް ޒިޔާރަތްކުރެއްވުމުން ފެނިވަޑައިގަންނަވާނެ ކަމަށް އުރީދޫން ވިދާޅުވިއެވެ.