ސަރުކާރުގެ ފެނާއި ނަރުދަމާގެ ވަޢުދު ފުރިހަމަކުރުމުގެ ގޮތުން، އެޚިދުމަތްތައް ޤާއިމްކުރެވިފައި ނެތް ރަށްރަށުގައި ޚިދުމަތް ޤާއިމްކުރުމުގެ މަސައްކަތް މިއަދު ކޮންޓްރެކްޓަރުންނާ ޙަވާލު ކޮށްފިއެވެ. މިއަދުވަނީ 23 ރަށެއްގައި ފެނާއި ނަރުދަމާ އެޅުމުގެ މަޝްރޫއުގައި ސޮއިކުރައްވައިފައެވެ.

މިއަދު ސޮއިކުރި އެއްބަސްވުންތަކުގެ ތެރެއިން 70 އިންސައްތަ މަސައްކަތް ޙަވާލުކުރައްވާފައި ވަނީ ފެނަކައާ އެވެ. މިއީ ހުރިހާ ފަރާތްތަކުން ވެސް، އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ ދާއިރާގައި ފެނަކައިގެ ޙިއްސާ ބަލައިގަނެ، ރައްޔިތުންގެ އިތުބާރާއި ޔަޤީންކަން ކުންފުންޏަށް ލިބިފައި ވާކަމުގެ ހެއްކެއް ކަމަށް ގަބޫލު ކުރައްވާ ކަމަށް ފެނަކައިން ވިދާޅުވިއެވެ.

ފެނަކައިގެ ތާރީޚުގައި މިހާތަނަށް ޙަވާލުވި އެންމެ ބޮޑު މަޝްރޫޢަށް މިމަޝްރޫޢު ވަނީ ވެފައެވެ. އެހެން ކަމުން ފުރިހަމަގޮތުގައި އަވަސްކަމާއެކު މަސައްކަތް ނިންމައި، މިދާއިރާއިން ނަމޫނާ ދެއްކުމަށް އެ ކުންފުނި އޮތީ ސާބިތުކަމާއެކު ތައްޔާރުވެފައި ކަމަށް ވެސް ފެނަކައިން ވިދާޅުވިއެވެ. 600 މިލިއަން ރުފިޔާ އަށް ވުރެ އަގު ބޮޑު މިމަޝްރޫޢު ކަނޑައަޅައި އެއްބަސްވެފައިވާ ތާރީޚަށްވުރެ ކުރިން ނިންމައި، ފެނާއި ނަރުދަމާގެ ޒަމާނީ ނަމޫނާ ނިޒާމްތަކެއް ވުޖޫދު ކުރުމަށް ފެނަކައިން ވަނީ އަމާޒު ހިފާފައެވެ.

ރާއްޖޭގެ އެންމެ ގިނަ ރަށްރަށުގައި ފެނާއި ނަރުދަމާގެ ނިޒާމުތައް ހިންގައި ބަލަހައްޓަމުންދާ ކުންފުންޏަށް ފެނާއި ނަރުދަމާގެ ނިޒާމުތަކެއް ގާއިމް ކުރުމަށް ލިބިގެން ދިއުމަކީ، އަލަށް ގާއިމްކުރެވޭ ނިޒާމްތަކުން، ޒަމާނީ ފަންނުވެރި ކަމުގެ އީޖާދީ ވިސްނުމާއެކު އައު ހަރުފަތަކަށް ޚިދުމަތް ފުޅާކޮށް، ދެމެހެއްޓެނިވި ޚިދުމަތްތަކެއް ކަށަވަރު ކުރުމަށް އެޅިގެން ދިޔަ ހަރުދަނާ ބިންގަލެއް ކަމަށް ވެސް އެކުންފުނީން ވިދާޅުވިއެވެ.