ސަރުކާރުގެ ވިސްނުމަކީ އެމީހަކު ލޯބިވާ ފަސްގަނޑުގައި އެމީހެއްގެ އާއިލާއާއެކު ދިރިއުޅުމަށް ފުރުޞަތު ތަނަވަސްކޮށް ދެއްވުން ކަމަށް ނާއިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ދިވެހިރާއްޖޭގެ އަޑުގެ 59 ވަނަ އަހަރީދުވަހުގެ މުނާސަބާގައި ގެނެސްދިން ޚާއްޞަ ޕްރޮގްރާމް "ބާއްޖަވެރި ހެނދުނެއް" ޕްރޮގްރާމުގައި ބައިވެރިވެ ވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ. އެކަމާ ބެހޭ ތަފްސީލެއް ނާއިބު ރައީސް ނުދެއްވައެވެ.

މި ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ވަނީ އެމަނިކުފާނު ކުޅިވަރުގެ ދާއިރާއަށް ބަހައްޓަވާ ޝައުޤުވެރިކަން ވަރަށް ތަފްޞީލުކޮށް ޙިއްސާކުރައްވާފައެވެ. އެގޮތުން ފުޓްބޯޅަ ކުޅުއްވަން ކުޑައިރުއްސުރެ ހުންނަ ޝައުޤުވެރިކަން އެމަނިކުފާނު ޚާއްޞަގޮތެއްގައި ފާހަގަކުރެއްވެވިއެވެ. އަދި ކުޅިވަރަކީ ކިޔެވުމާއެކު ކުރިއަށްގެންދަން މުހިންމު ކަމެއްގެ ކަމަށް ވެސް ވިދާޅުވިއެވެ. މީގެ އިތުރުން ވަނީ އާއިލީ ގުޅުމުގެ މުހިންމުކަމުގެ މައްޗަށް ވެސް ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން ހަޔާތުގައި ކާމިޔާބު މީހަކަށް ވުމުގައި އާއިލީ ގުޅުމުގެ މުހިންމުކަން ފާހަގަ ކުރެއްވިއެވެ.

މީގެ އިތުރުންވެސް އެމަނިކުފާނު ވަނީ މި ސަރުކާރުގެ ލާމަރުކަޒީ ސިޔާސަތުގެ ދަށުން ރާއްޖޭގެ ސިޔާސީ ކުރިމަގު ފެންނަނީ ވަރަށް އުޖާލާ ކޮށް ކަމަށް ވެސް ވިދާޅުވެފައެވެ. ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންގެ ތެރެއިން ލޯފަންކުދިން ތަޢުލީމީ ނިޒާމަށް ވެއްދުމަށް ސަރުކާރުން ކުރައްވަމުންދާ މަސައްކަތްތަކާ ބެހޭ ގޮތުން ވެސް އެމަނިކުފާނު ވާހަކަފުޅު ދެއްކެވިއެވެ.

އެމަނިކުފާނުގެ އަމިއްލަފުޅު ހަޔާތްޕުޅުގެ ވާހަކަތައްވެސް މިއަދު އެމަނިކުފާނު ޙިއްސާ ކުރެއްވިއެވެ. އެގޮތުން އެމަނިކުފާނުގެ ކުޑައިރުގެ ދިރިއުޅުއްވުމާ ސްކޫލު ދައުރުގެ ކަންކަމާ ގުޅޭގޮތުންވެސް ވާހަކަފުޅު ދައްކަވާފައިވެއެވެ. އަދި، އެ މަނިކުފާނުގެ އާއިލާގެ ބައެއް މެންބަރުންނާއި، އެކުވެރިންނާއި އަރިސް ބޭފުޅުންނާއި އަދި ޢާންމުންގެ ތެރެއިން ޕްރޮގްރާމުން ފުރުޞަތުދިން ފަރާތްތަކާ ވެސް އެ މަނިކުފާނު ވަނީ ޕްރޮގްރާމުގެ ތެރެއިން ޚިޔާލު ބަދަލުކުރައްވައި ވާހަކަފުޅު ދައްކަވާފައެވެ.

މި ޕްރޮގްރާމުގައި އެމަނިކުފާނު ވަނީ ދިވެހިރާއްޖޭގެ އަޑުގެ އަހަރީ ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް އެ ތަނުގެ ހުރިހާ މުވައްޒަފުންނަށް ފޮނުއްވާފައެވެ.