އެމެރިކާ ކޮންގްރެސް ނުވަތަ ޕާލަމެންޓުގެ އެންމެ ނުފޫޒުގަދަ މަތިގެ، ސެނޭޓްގެ އަޣުލަބިއްޔަތު ހޯދުމަށް ރިޕަބްލިކަން ޕާޓީއާއި، ޑިމޮކްރަޓިކް ޕާޓީން ކުރަމުންދިޔަ ހަނގުރާމަ ޖޯޖިއާއާ ހިސާބުން ހުއްޓުމަކަށް އަތުވެއްޖެއެވެ.
ޖޯޖިއާއާ ހިސާބުން މިކަން ހުއްޓުމަކަށް އައީ، އެ ސްޓޭޓުން ސެނޭޓުގެ 2 ގޮނޑިއަށް ވާދަކުރެއްވި ދެ ޕާޓީގެ ދެ ކެންޑިޑޭޓުންނަށް ލިބުނު ވޯޓު އެއްވަރުވުމާ ގުޅިގެން، އެ ދެގޮނޑީގެ ދެވަނަބުރުގެ ވޯޓުލުން ޖެނުއަރީ 5 އަށް ތާވަލް ކުރުމާ ގުޅިގެންނެވެ.
ސެނޭޓުގައި ޖުމްލަ 100 ގޮނޑި ހިމެނޭއިރު، ރިޔާސީ އިންތިޚާބާއެކު ބޭއްވި ސެނޭޓުގެ އިންތިޚާބުގެ ވޯޓަށް ދިޔައިރު، ސެނޭޓުގެ އަޣުލަބިއްޔަތު ކުޑަ ތަފާތަކުން ނަމަވެސް އޮތީ ރިޕަބްލިކަން ޕާޓީއަށެވެ. އެއީ 53 ގޮނޑީގެ އަޣުލަބިއްޔަތެވެ، ޑިމޮކްރޭޓުންނަށް ލިބިފައިއޮތީ 47 ގޮނޑިއެވެ.
އެހެން ނަމަވެސް، މިދިޔަ އަންގާރަ ދުވަހުގެ އިންތިޚާބުގައި ލާފައިވާ ވޯޓަށްފަހު މިހާތަނަށް ހާމަކޮށްފައިވާ ނަތީޖާއިން ރިޕަބްލިކަން ޕާޓީއަށް ކަށަވަރު ވެފައިވަނީ 48 ގޮނޑިއެވެ. ޑިމޮކްރޭޓުންނަށް ކަށަވަރު ވެފައިވަނީ 46 ގޮނޑިއެވެ.
މިނިވަން ކެންޑިޑޭޓުންގެ ގޮތުގައި ވާދަކުރެއްވި 2 ބޭފުޅަކަށްވެސް ގޮނޑި ކަށަވަރުވެފައި ވާއިރު، އެދެ ބޭފުޅުންނަކީވެސް ޑިމޮކްރޭޓުންނަށް ތާއީދުކުރައްވާ ދެބޭފުޅުންނެވެ.
ޖޯޖިއާ 2 ގޮނޑީގެ ނަތީޖާ އެއްވަރުވެ އަލުން ވޯޓުލުން ބާއްވަން ނިންމުމުން، އެދެ ގޮނޑިއަށް ވާނެގޮތެއް އެނގޭނީ ޖެނުއަރީ 5 ގެ ފަހުންނެވެ.
ޖޯޖިއާއަކީ ރިޕަބްލިކަނުންނާއި ޑިމޮކްރޭޓުންގެ މެދުގައި އަބަދުވެސް ވަރަށް ވާދަވެރި ސްޓޭޓެކެވެ. ނަމަވެސް، މިފަހަރުގެ އިންތިޚާބުތަކުން ހާމަވަމުންދާ ނަތީޖާތައް ބުނާގޮތުން ޖޯޖިއާ ވަނީ ވަރަށް ބޮޑަށް ޑިމޮކްރޭޓުންގެ ކޮޅަށް އެނބުރިފައެވެ.
ސެނޭޓުގެ ޑިމޮކްރަޓިކް ލީޑަރ ޗަކް ޝުމަރ ވިދާޅުވީ، ޖޯޖިއާގެ ގޮނޑިތައް ލިބުމުން، އައު ސަރުކާރަށް އެމެރިކާއަށް ގެންނަން ބޭނުންވާ ބަދަލުތައް ގެނެވޭނޭ ކަމަށެވެ.
ރިޔާސީ އިންތިޚާބު ޖޯ ބައިޑެން ކާމިޔާބު ކުރައްވާފައި ވުމާއެކު، ސަރުކާރަށް ކަންކަން ހާސިލް ކުރެވުން ވަރަށް ބޮޑަށް ބިނާވެފައި އޮންނާނީ ސެނޭޓުގެ ކޮންޓްރޯލް އޮންނަ ގޮތެއްގެ މައްޗަށެވެ.
އެހެން ނަމަވެސް، އަދި ނަތީޖާ ކަށަވަރުނުވާ 4 ގޮނޑި އެބަވެއެވެ. އެއީ، ނޯތު ކެރޮލައިނާގެ 2 ގޮނޑިއާއި، އެލަސްކާގެ 2 ގޮނޑިއެވެ.
ނޯތު ކެރޮލައިނާ، އެލަސްކާގެ ވޯޓު އަދިވެސް ގުނަމުންދާއިރު، އެ 4 ގޮނޑީގެ ވާދަވެރިން ބޮޑުކަމުން ގޮނޑިތައް ލިބޭނީ ކޮން ޕާޓީއަކަށްކަން އަދި ބުނަން ނޭނގޭ ކަމަށް މީޑިއާއިން ބުނެއެވެ.
މިހާރު އޮތްގޮތުން އަދި އެއްވެސް ޕާޓީއަކަށް ސެނޭޓުގެ އަޣުލަބިއްޔަތު ކަށަވަރެއް ނުވެއެވެ.
ރިޕަބްލިކަން ޕާޓީއާއި ޑިމޮކްރަޓިކް ޕާޓީއާ ދެމެދު ބާރުތައް ހަމަހަމައަށް ބެހިގެންދާނެކަން ނުވަތަ ނޫންކަން އެނގޭނީ ގޮނޑިތައް ކަށަވަރުވުމުންނެވެ.