އެމެރިކާގެ ރިޔާސީ އިންތިޚާބު ޖޯ ބައިޑެން ކާމިޔާބު ކުރައްވައިފިކަން އިއުލާންކުރި ދުވަހުގެ ޖެހިގެން އައި ދުވަހުވެސް ރައީސް ޑޮނަލްޑް ޓްރަމްޕް ވަޑައިގެންނެވީ ވަރޖިނިއާގައި އޮންނަ އޭނާގެ އަމިއްލަފުޅު ގޮލްފް ކްލަބަށް ގޮލްފް ކުޅުއްވުމަށެވެ.

ޖެހިގެން އައިދުވަހުވެސް ވަޑައިގެންނެވީ ގޮލްފް ކުޅުއްވުމަށެވެ.

ޓްރަމްޕްގެ އުޅުއްވުން ހުރީ އެއްވެސް ކަމެއް ވެގެންއުޅޭކަން ޓްރަމްޕަށް އެނގިވަޑައިވެސް ނުގަންނަވާ ކަހަލަ ގޮތަކަށެވެ.

ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުމަށް ބޭނުންވާ 270 އިލެކްޓޯރަލް ވޯޓު ހަމަވުމާއެކު، ބައިޑެން ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވައިފިކަން މީޑިއާއިން އިޢްލާން ކުރިއިރުވެސް ޓްރަމްޕް ހުންނެވީ "ޓްރަމްޕް ނޭޝަނަލް ގޮލްފް ކޯރސް" ގައި ގޮލްފް ކުޅުއްވުމަށެވެ.

އެދުވަހު، ރައީސް ޓްރަމްޕްގެ ފަރާތުން ވައިޓްހައުސްއިން ބަޔާނެއް ނެރުނެވެ. އެ ބަޔާނުގައި ޓްރަމްޕް ވިދާޅުވެފައިވަނީ، އިންތިޚާބުގެ ކަންތައް ނިމެން އަދި ގާތްވެސް ނުވާކަމަށާއި، ބައިޑެން އިންތިޚާބު ކާމިޔާބު ކޮށްފިކަމަށް ބުނެ ދައްކަނީ ހަގީގަތާ ޚިލާފް ވާހަކަތަކެއް ކަމަށެވެ.

އިންތިޚާބު ކާމިޔާބުކުރީ ޖޯ ބައިޑެން ކަމަށް އެއްވެސް ސްޓޭޓަކުން އަދި ރަސްމީކޮށް ކަނޑަނާޅާ ކަމަށްވެސް ޓްރަމްޕް ވިދާޅުވެފައި ވެއެވެ.

ޓްރަމްޕްގެ ގާނޫނީ ޓީމުން މިހާރުވަނީ، ވާދަވެރި ސްޓޭޓްތަކުގެ ވޯޓުގެ މައްސަލަ ކޯޓަށް ވައްދާފައެވެ. އަދި މިއަދުވެސް އިތުރު މައްސަލަތައް ވައްދާނެ ކަމަށް ބުނެއެވެ.

މާނައަކީ، އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ރަސްމީ ނަތީޖާ އިއުލާންކުރުން ފަސްވެގެން ދާނެކަމެވެ.

ބުރާސްފަތި ދުވަހުން ފެށިގެން ޓްރަމްޕް ހުންނެވީ ހަނުއެވެ. ވޯޓު އޮޅުވާލާފައިވާ ކަމަށް އޭގެކުރިން ގިނަ ޓްވީޓްތަކެއް ކުރެއްވި ނަމަވެސް، ފަހުން ކުރައްވާފައިވަނީ މުޅިންވެސް ރީޓްވީޓްތަކެވެ.

ރިޕަބްލިކަން ޕާޓީގެ އިސް ބައެއް ބޭފުޅުން އެމެރިކާގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައިވަނީ، ވޯޓުގެ މައްސަލާގައި ޓްރަމްޕް އަމަލު ކުރައްވަނީ ރަނގަޅަށް ކަމަށެވެ. އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ވޯޓުގެ ނަތީޖާ އިއުލާން ކުރާނީ މީޑިއާއިން ނޫންކަމަށްވެސް ބައެއް ބޭފުޅުން ވިދާޅުވެފައި ވެއެވެ.

ސައުތު ކެރޮލައިނާގެ ރިޕަބްލިކަން ސެނޭޓަރ ލިންޑްސޭ ގްރަހަމް ވިދާޅުވީ، އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ނަތީޖާ މީޑިއާއިން އިއުލާން ކުރާނަމަ ރިޕަބްލިކަން ކެންޑިޑޭޓަކަށް ދުވަހަކުވެސް ރައީސްކަމަށް ވަޑައިނުގެންނެވޭނޭ ކަމަށެވެ.

ވައިޓްހައުސްގެ އެތެރޭގެ މަސްދަރުތަކާ ހަވާލާދީ މީޑިއާއިން ބުނެފައިވަނީ، އިންތިޚާބުގެ ބަލި ގަބޫލުކުރެއްވުމުގެ އެއްވެސް ޝައުގުވެރިކަމެއް މިވަގުތަކު ޓްރަމްޕްގެ ނެތެވެ.

ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި ޖޯ ބައިޑެންއަށް ދުނިޔޭގެ ރަސްރަސްކަލުންނާއި ރައީސުންނާއި، ބޮޑުވަޒީރުން މަރްހަބާ ވިދާޅުވަމުން ގެންދަވާއިރު، އެމެރިކާގެ އާދަކާދަ އޮންނަގޮތުން ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވާ ކެންޑިޑޭޓަށް ރައީސްކަމުގައި ހުންނަވާ ބޭފުޅަކު ފޯނުން ގުޅުއްވައި މަރްހަބާ ވިދާޅުވެއެވެ. ނަމަވެސް، ޑޮނަލްޑް ޓްރަމްޕް އަދި މިހާތަނަށްވެސް އެކަން ނުކުރައްވައެވެ.

ނުވިތާކަށް، އެމެރިކާގެ ނައިބް ރައީސްކަމުގައި ހުންނެވި މައިކް ޕެންސްވެސް ހޮނިހިރު ދުވަހުން ފެށިގެން ހުންނެވީ ހަނުއެވެ. މައިކް ޕެންސްވެސް، ކަމަލާ ހެރިސްއަށް އަދި ނުގުޅުއްވާ ކަމަށް މީޑިއާއިން ބުނެއެވެ.