އަންނަ ޖުލައި މަހު ލ. ގަމު ކެންސަރ ހޮސްޕިޓަލެއް އެޅުމުގެ މަސައްކަތް ފެށިގެން ދާނެ ކަމަށް ސަރުކާރުން ބުނެފިއެވެ.

ގަމު ކައުންސިލުން ބުނީ ކެންސަރު ހޮސްޕިޓަލް އެޅުމުގެ މަސައްކަތް މިހާރު އޮތީ ބީލަމުގެ މަރުހަލާގައި ކަމަށާއި، ހޮސްޕިޓަލް އެޅުމަށް އިންޑިއާގެ އެގްޒިމް ބޭންކުން ލޯނަށްވެސް އެދިފައިވާ ކަމަށެވެ. އަދި ކެންސަރު ހޮސްޕިޓަލުގެ އެންމެ ފަހުގެ މަސައްކަތާއި ގުޅޭގޮތުން އިންޑިއަން ހައި ކޮމިޝަނުން ބުނީ ޓެކްނިކަލް ފެސިބިލިޓީ ރިޕޯޓްގެ މަސައްކަތް ނިމުމުން މަސައްކަތް ކުރިއަށްގެންދާނެ ގޮތްތައް ކަނޑައަޅާނެ ކަމަށެވެ.

އެހެންކަމުން، މި މަޝްރޫއަކީ އިންޑިޔާއިން ރާއްޖޭގައި ގިނަ މަޝްރޫއުތަކެއް ހިންގުމަށް ހަމަޖައްސައިދީފައިވާ 800 މިލިއަން އެމެރިކާ ޑޮލަރުގެ ލައިން އޮފް ކްރެޑިޓުގެ ތެރެއިން ހިންގާ މަޝްރޫއެކެވެ. މި ލައިން އޮފް ކްރެޑިޓަކީ 20 އަހަރުން އަނބުރާ ދައްކާ ގޮތަށް ދީފައިވާ ލޯނެއްކަމަށްވާއިރު، އެ ލޯނުގެ އިންޓަރެސްޓް ރޭޓަކީ 1.75 އިންސައްތަ ކަމަށް ސަރުކާރުން ބުނެފައިވެއެވެ.

ހަމައެހެންމެ، ސަރުކާރުން ބުނި ގޮތުގައި ގަމުގައި ހަދާ ކެންސަރު ބަލީގެ ހޮސްޕިޓަލުން ބަލި ދެނެގަތުމާއި ފަރުވާ ދިނުމާއި ރިހެބިލިޓޭޝަންގެ ހިދުމަތްތައް ފޯރުކޮށްދޭނެއެވެ. އަދި އެ ހޮސްޕިޓަލް ހުޅުވުމުން ލ.އަތޮޅަށް މެޑިކަލް ޓުއަރިޒަމް ތައާރަފުކުރާނެ ކަމަށްވެސް ސަރުކާރުން ބުނެފައިވެއެވެ.

މީގެއިތުރުން، މި މަޝްރޫއުގެ ދަށުން ކެންސަރު ބައްޔަށް ފަރުވާކުރަން ބޭނުންވާ ޞިއްޙީ ދާއިރާގެ މަސައްކަތްތެރިންވެސް ތަމްރީނުކުރާނެ ކަމަށާއި، 250 ދިވެހިން ތަމްރީނުކުރުމަށް ހަމަޖެހިފައިވާ ކަމަށްވެސް ސަރުކާރުން ބުންޏެވެ.