އައިޖީއެމްއެޗްގައި މަސައްކަތް ކުރި ފިލިޕިންސް ނަރުހެއް ކަމަށްވާ މޭރީ ގްރޭސްގެ މަރުގެ މައްސަލައިގައި ހައްޔަރުކޮށްފައިވާ މޭރީގެ ފިރިމީހާ މާވިންގެ ލޯބިވެރިޔާ ހަލީމަތު ލަމްހާގެ ބަންދަށް އަނެއްކާ ވެސް މުއްދަތު ޖަހައިފި އެވެ.

ނަރުސް މީހާ މަރާލިކަމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވާ އޭނާގެ ފިރިމީހާއާ ލޯބީގެ ގުޅުން އޮތް ދިވެހި ނަރުސް، ހަލީމަތު ލަމްހާ އަބްދުލް ރަހުމާން ހައްޔަރު ކުރީ މިދިޔަ މަހުގެ 16 ވަނަ ދުވަހުއެވެ.

އެއާއެކު، ދިވެހި ނަރުހުގެ ބަންދަށް ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން، ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތެއް މިދިޔަ މަހުގެ 17 ވަނަ ދުވަހު ކޯޓުން ދިނެވެ.

ނަމަވެސް މިއަދަށް އެ މުއްދަތު ހަމަވެފައި ވާއިރު، ބަންދަށް އިތުރު 15 ދުވަސް އިއްޔެ ކްރިމިނަލް ކޯޓުން ދީފައިވާކަމަށް ފުލުހުން ބުންޏެވެ.

މާވިންއާއި ލަމްހާގެ މައްޗަށް ދައުވާކޮށްދިނުމަށް ފުލުހުން މިހާރު ވަނީ އެ މައްސަލަ ޕީޖީ އޮފީހަށް ވެސް ފޮނުވާފަ އެވެ. މޭރީ މަރަން ރޭވުމާއި، މަރު ފޮރުވުމާއި، ކުށް ކުރުމަށް ރޭވުމާއި، ކުށެއް ކުރުމަށް އެދުމާއި، ކުށްކުރުމުގެ އާލާތް އަތުގައި ހުރުމާއި އަދި ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ތުހުމަތު ލަމްހާގެ މައްޗަށް ކުރެވެ އެވެ.