ރ. މާމުނަގައު ރިސޯޓްގައި ސީ ޕްލޭން ޖައްސަން ބޭނުންކުރާ ފްލޯޓިންގ ޕްލެޓްފޯމް ކަނޑައިގެން ގޮސް އެ ރިސޯޓްގެ ހުޅަނގުދެކުނަށް އޮޔާދާ ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ. އެހެން ކަމުން އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން އެކަމަށް ޚާއްސަ ސަމާލުކަމެއް ދެއްވުމަށް އެމްއެންޑީއެފުން ވަނީ އިލްތިމާސް ކުރައްވައިފައެވެ.

މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބިވަޑައިގެންފައި ވަނީ ޖަނަވަރީ ދެވަނަ ދުވަހުގެ ރޭ 7:15 އެހައިކަންހާއިރު އެވެ.

މި ޕްލެޓްފޯމަކީ ދިގުމިނުގައި 20 ފޫޓް އަދި ފުޅާމިނުގައި 10 ފޫޓް ހުންނަވަރުގެ ޕްލެޓްފޯމެއްކަމަށް ކޯސްޓްގާޑަށް ވަނީ މަޢުލޫމާތު ލިބިފައިވާ ކަމަށް ވެސް ވިދާޅުވެފައިވެއެވެ. މި ޕްލެޓްފޯމްގައި ރަތްކުލައިގެ ބައްތިއެއް ހަރުކޮށްފައި ހުންނާނެކަމަށް ވެސް ވަނީ މަޢުލޫމާތު ލިބިފައި ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

"ވީމާ މި ސަރަޙައްދުން ދަތުރުކުރާ ފަރާތްތަކުން މިކަމަށް ސަމާލުކަން ދެއްވުމަށް އިލްތިމާސްކުރަމެވެ. އަދި ޚާއްސަ ގޮތެއްގައި ރޭގަނޑު މި ސަރަހައްދުން ދަތުރުކުރައްވާ އުޅަނދުފަހަރުތަކުން މިކަމަށް ޚާއްސަ ސަމާލުކަމެއް ދެއްވުމަށް އިލްތިމާސް ކުރަމެވެ."