އަރްމީނިއާ-އަޒަރބައިޖާން ވަކިކުރާ އިމުގެ ސަރަހައްދުގައި އުދުހެމުންދިޔަ ރަޝިޔާގެ ހެލިކޮޕްޓަރަށް އަޒަރބައިޖާންގެ ސިފައިންނަށް ހަމަލާދީ ވައްޓާލެވުނީ އެކްސިޑެންޓަކުން ކަމަށް އަޒަރބައިޖާން ސަރުކާރުން ބުނެފިއެވެ.

މިހާދިސާއާ ގުޅިގެން އަޒަރބައިޖާނުންވަނީ ރަޝިޔާގެ ކިބައިން މައާފަށްވެސް އެދިފައެވެ. އަދިހެލިކޮޕްޓަރު ވެއްޓުމުން އެކަމުގެ ބަދަލުދޭން ތައްޔާރަށް އޮތްކަންވެސް ހާމަކޮށްފައި ވެއެވެ.

އަޒަރބައިޖާންގެ ޚާރިޖިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ރަޝިޔާގެ ހެލިކޮޕްޓަރަށް ހަމަލާދެވުނީ ގަސްތަކު ނޫން ކަމަށެވެ. އެއީ، އެކްސިޑެންޓެއް ކަމަށެވެ.

އަޒަރބައިޖާންގެ ޚާރިޖިއްޔާއިން ބަޔާން ނެރުނީ، އަރްމީނިއާގެ ތެރޭގައި އުދުހެމުންދިޔަ ރަޝިޔާގެ އެމްއައި-24 ގެ ހެލިކޮޕްޓަރެއް ވައްޓާލައިފި ކަމަށާއި، މިހާދިސާގައި ސިފައިންގެ ދެމީހުން މަރުވެ، އިތުރު މީހަކު ޒަޚަމްވި ކަމަށް ރަޝިޔާއިން ބުނެފައި ވަނިކޮށެވެ.

މިހާދިސާއާ ގުޅިގެން ހެލިކޮޕްޓަރު ވައްޓާލުމުގައި ޒިންމާވާ ބަޔަކު ހޯދުމަށް ތަހްގީގު ފަށާފައިވާ ކަމަށް ބުނެ، ރަޝިޔާގެ ދިފާއީ ވުޒާރާއިން ބަޔާނެއްވެސް ނެރުނެވެ.

އަޒަރބައިޖާންގެ ޚާރިޖިއްޔާއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ރަޝިޔާގެ ހެލިކޮޕްޓަރު އުދުހެމުންދިޔައީ ރޭގަނޑުގެ ކަނު އަނދިރީގައި ވަރަށް ތިރިން ކަމަށާއި، ހެލިކޮޕްޓަރު އުދުހެމުންދިޔައީ އަރްމީނިއާ-އަޒަރބައިޖާން ވަކިކުރާ އިމާ ވަރަށް ގާތުން ކަމަށެވެ.

ރަޝިޔާ ވައިގެ ސިފައިންގެ ހެލިކޮޕްޓަރެއް މީގެކުރިން އެ ސަރަހައްދުން ފެނިފައި ނުވާކަމަށްވެސް އަޒަރބައިޖާންގެ ޚާރިޖިއްޔާއިން ބުނެފައި ވެއެވެ.

ސަރަހައްދީ އިމުގައި އުދުހެމުންދިޔަ ހެލިކޮޕްޓަރަށް ހަމަލާދޭން އަޒަރބައިޖާން ސިފައިން ނިންމީ، ނަގޯނޯ-ކަރަބާޚް ސަރަހައްދުގައި ދެގައުމުގެ ސިފައިންގެ ދެމެދުގައި ހަނގުރާމަ ހިނގަމުންދިއުމާއި، މަސްރަހް ނުތަނަވަސްވެފައި އޮތުމުން ކަމަށްވެސް އަޒަރބައިޖާނުން ބުނެފައި ވެއެވެ.

ނަގޯނޯ-ކަރަބާޚް ސަރަހައްދުގެ މިލްކުވެރިކަމާހެދި އަރްމީނިއާއާއި އަޒަރބައިޖާނުން ހަނގުރާމަ ކުރަމުންދާއިރު، އެ ސަރަހައްދުގައި އަބަދުވެސް ބޮޑު ނުފޫޒެއް އޮންނަ ރަޝިޔާއިން އޮންނަނީ އަރްމީނިއާއާއެކު ދިފާއީ އެއްބަސްވުމެއްގައިވެސް ސޮއިކޮށްފައެވެ.

ހަމަ އެއާއެކު، ރަޝިޔާއާއި އަޒަރބައިޖާނާ ދެމެދުވެސް އޮންނަނީ ވަރަށް ގާތް ގުޅުމެކެވެ.

ސަލާމަތީ އެއްބަސްވުމުގެ ދަށުން، ހަނގުރާމައިގައި އަރްމީނިއާއަށް އެހީވުމަށް އަރްމީނިއާގެ ބޮޑުވަޒީރު އެދިވަޑައިގަތް ނަމަވެސް، ރަޝިޔާއިންވަނީ އެކަމަށް އިންކާރު ކޮށްފައެވެ. ރަޝިޔާއިން ބުނީ، ހަނގުރާމަ ހިނގަމުންދަނީ އަރްމީނިއާގެ ފަސްގަނޑުގައި ނޫންކަމަށެވެ.

އަރްމީނިއާއިން އަތްގަދަކޮށްގެން އުޅޭ ނަގޯނޯ-ކަރަބާޚް ސަރަހައްދަކީ އަޒަރބައިޖާންގެ ބައެއް ކަމަށް އދއާއި ދުނިޔެ ގަބޫލުކުރެއެވެ.

މިހާރު ހިނގަމުންދާ ހަނގުރާމައިގައި އަޒަރބައިޖާނުންވަނީ، ނަގޯނޯ-ކަރަބާޚްގެ އެތައް ރަށެއް ހިފައި، އަރްމީނިއާ ސިފައިން ފައްސާލާފައެވެ.