އައިޖީއެމްއެޗް ހޮސްޕިޓަލުގައި މަސައްކަތް ކުރި ފިލިޕީންސްގެ އަންހެން ނަރުސް މީހާގެ މަރުގެ މައްސަލާގައި ހައްޔަރުކުރި ދެ މީހުންނަށް ދައުވާކޮށްފި އެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ އެ އަންހެން މީހާގެ ފިރިމީހާ މާވިންއާއި އޭނާގެ ދިވެހި ލޯބިވެރިޔާ ލަމްހާ އެވެ. އެގޮތުން މާވިން އަށް ކުރަނީ ގަސްތުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ އެވެ. ލަމްހާއަށް ކުރަނީ މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އާއި ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރުމުގެ ކުށުގެ ދައުވާގެ އިތުރުން އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫންގޮތެއްގައި ބާރުހިންގުމުގެ ކުށުގެ ދައުވާ އެވެ.

މި މައްސަލާގައި ހިމެނޭ މާވިންގެ ދިވެހި ލޯބިވެރިޔާ ލަމްހާ ހައްޔަރުކޮށްފައިވަނީ މި މަހުގެ 16 ވަނަ ދުވަހު އެވެ. އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ 15 ދުވަސް ޖަހާދީފަ އެވެ.

އެ އަންހެންމީހާގެ ހަށިގަނޑު އިންޑިއާ އަށް ފޮނުވައިގެން ޕޯސްޓްމޯޓަމް ހަދާފައިވާއިރު، ފުލުހުން ވަނީ އޭނާ މަރުވެފައިވަނީ ދަންޖެހިގެން ކަމަށް ނުބެލެވޭ ކަމަށް ބުނެފައެވެ. އެގޮތުން އޭނާ މަރުވެފައިވަނީ ދިން އަނިޔާތަކެއްގެ ސަބަބުން ކަމަށް ފުލުހުން ބުނެ އެވެ.

މި މަރާއި ގުޅޭ މާބޮޑު މައުލޫމާތެއް ފުލުހުން އަދި މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.