ރާއްޖެއިން މިއަދު ވެސް ކޮވިޑަށް ޕޮޒިޓިވް ވި އަދަދު ދުއިސައްތައިން މަތީގައި ކަމަށް އެޗްޕީއޭ ގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

އެ އިދާރާގެ އެންމެފަހުގެ ތަފާސް ހިސާބަށް ބަލާއިރު، ފާއިތުވި 24 ގަޑިއިރު 228 ޟިހުން ވަނީ ކޮވިޑަށް ޕޮޒިޓުިވްވެފައެވެ.

މިއާއެކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު މިވަނީ 96،500 އަށް އަރާފައެވެ.

ރާއްޖެެއިން ކޮވިޑު ކޭސްތައް ފެނުން މަދުވެ، ދުއިސައްތައިން ދަށުގައި އަދަދުތައް ހުރުމަށް ފަހު، އިއްޔެއާއި މިއަދު މިވަނީ އަނެއްކާ ވެސް ދުއިސައްތައިން މައްޗަށް ކޭސްތައް އަރާފައެވެ.

ކޮވިޑަށް މިއަދު ޕޮޒިޓިވްވި 228 މީހުންގެ ތެރެއިން 60 މީހުންނަކީ ރަށްރަށުން ޕޮޒިޓިވްވި މީހުންނެވެ. އަދި މާލެއިން 66 މީހުން ޕޮޒިޓިވްވި އިރު، ރިސޯޓްތަކުން 97 މީހުން އަދި ސަފާރީއަކުން 5 މީހުން ވަނީ ޕޮޒިޓިވްވެފައެވެ.

މި ބައްޔަށް މިވަގުތު 2702 މީހަކު ފަރުވާ ހޯދަމުން އަންނައިރު އޭގެތެރެއިން 12 މީހަކަށް ފަރުވާދެމުން އަންނަނީ އެޑްމިޓްކޮށްގެންނެވެ.

ފާއިތުވި 24 ގަޑިއިރު 134 މީހުންވަނީ މި ބަލިން ރަނގަޅުވެ، މިބަލިން ރާއްޖެއިން ރަނގަޅުވި އަދަދު ވަނީ 93،544 އަށް އަރާފައެވެ.

ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި 4801 ސާމްޕަލެއް ވަނީ ޓެސްޓުކޮށްފައެވެ. ރާއްޖެއިން މި ބަލީގައި މިހާތަނަށް 263 މީހަކު ވަނީ ނިޔާވެފައެވެ.

ކޯވިޑްގެ އައު ވޭރިއަންޓެއް ކަމަށްވާ އޮމިކްރޯން ފެތުރެމުން އަންނާތީ މިދުވަސްވަރު ޗުއްޓީއާއި އެކި ތަންތަނަށް ދަތުރުކުރާ ފަރާތްތަކުން ބަލިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅުތަކަށް ސަމާލުވުމަށް އެޗްޕީއޭއިންވަނީ އިލްތިމާސްކުރައްވާފައެވެ.