ޕެންސިލްވޭނިއާ ވޯޓުގެ ރަސްމީ ނަތީޖާ ނެރުން ހުއްޓުވަން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ކެމްޕެއިނުން ކޯޓަށް މައްސަލަ ވައްދައިފިއެވެ.

އިދިކޮޅު ޖޯ ބައިޑެންއަށް ރިޔާސީ އިންތިޚާބު ކަށަވަރުވެގެން ދިޔައީ، ޕެންސިލްވޭނިއާގެ 20 އިލެކްޓޯރަލް ވޯޓު ކަށަވަރުވުމާ ގުޅިގެންނެވެ.

ޓްރަމްޕް ކެމްޕެއިނުންވަނީ، ޕެންސިލްވޭނިއާގެ ސެކްރެޓަރީ އޮފް ސްޓޭޓް ކެތީ ބުކްވާރުގެ އިތުރުން، އެ ސްޓޭޓުގެ އިލެކްޝަން ބޯޑުގެ ބައެއް މެމްބަރުންނާ ދެކޮޅަށްވެސް ދައުވާކޮށްފައެވެ.

ޓްރަމްޕް ކެމްޕެއިނުން ބުނަނީ، އެ ބޭފުޅުން ޕެންސިލްވޭނިއާގައި ބާއްވާފައިވަނީ ވަރަށް ބޭއިންސާފު އިންތިޚާބެއް ކަމަށެވެ.

ދައުވާގައި އެދިފައިވަނީ، ޕެންސިލްވޭނިއާގެ އިންތިޚާބު ކާމިޔާބުކުރީ ބައިޑެންކަމަށް ކަނޑައަޅައި، ރަސްމީ ނަތީޖާ ނެރުން ހުއްޓުވަން އަމުރެއް ނެރެދިނުމަށެވެ. އަދި ގަވާއިދާ ޚިލާފަށް ލާފައިވާ ވޯޓު ބާތިލްކުރުމަށް އިލެކްޝަން ބޯޑަށް އަމުރު ކުރުމަށްވެސް އެދިފައި ވެއެވެ.

ނޮވެމްބަރުމަހުގެ 3 ވަނަ ދުވަހު އެމެރިކާގައި ބޭއްވި ރިޔާސީ އިންތިޚާބު ޖޯ ބައިޑެން ކާމިޔާބު ކުރައްވާފައިވާ ކަމަށް ކަނޑައަޅާފައި ވީނަމަވެސް، ރައީސް ޓްރަމްޕްވަނީ ބަލި ގަބޫލުކުރައްވަން ދެކޮޅު ހައްދަވާފައެވެ.

ޓްރަމްޕް ކެމްޕެއިނުން ބުނަމުންދަނީ، ވޯޓު އޮޅުވާލުމުގެ ބޮޑެތި ކަންކަން ހިންގާފައިވާ ކަމަށެވެ.

މިކަމާހެދި، ޓްރަމްޕްގެ ކެމްޕެއިނުންވަނީ، އެންމެ ވާދަވެރިކޮށްދިޔަ ސްޓޭޓްތަކުގެ ކޯޓުތަކަށް އެތައް މައްސަލައެއް ވައްދާފައެވެ.