އިންޑިއާއަށް ދާ އެންމެންވެސް ހަތް ދުވަހަށް ގޭގައި ކަރަންޓީންވާން ޖެހޭގޮތަށް އިންޑިއާ ސަރުކާރުން ކަނޑައަޅައިފިއެވެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައިވަނީ ކޮވިޑް-19ގެ އޮމިކްރޮން ވޭރިއަންޓް މުޅި ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުން އަންނާތީ، އިންޑިއާ ސަރުކާރުން އަޅަމުންގެންދާ ފިޔަވަޅުތައް އިތުރަށް ހަރުދަނާކޮށްފައިވާ ކަމަށެވެ. އެގޮތުން މި މަހުގެ 11 ވަނަ ދުވަހުން ފެށިގެން އެ ގައުމަށް ދަތުރުކުރާ ފަރާތްތައް ހަތް ދުވަހުގެ މުއްދަތަށް ގޭގައި ކަރަންޓީނުވާން ޖެހޭނެ ކަމަށެވެ.

އިންޑިއާ އަށް ދަތުރުކުރާ ހުރިހާ މީހުންވެސް އެ މީހުންގެ ދަތުރު ޝެޑިއުލާ އެކު، ފާއިތުވި 14 ދުވަހުގެ ތެރޭގައި ދަތުރުކޮށްފައިވާ ތަންތަނުގެ މައުލޫމާތު ވެސް "އެއާ ސުވީދާ ޕޯޓަލް" އަށް އަޕްލޯޑް ކުރަން ޖެހެއެވެ. އަދި ސަރުކާރުން އެކުލަވާލާފައިވާ ހައި ރިސްކު ގައުމަކުން އިންޑިއާއަށް ދާނަމަ، އިންޑިއާ އަށް އެތެރެވުމާ އެކު ކޮވިޑް ޓެސްޓު ހަދަން ޖެހޭނެއެވެ.

ކަރަންޓީން ފުރިހަމަކުރުމަށްފަހު ހަދާ ޕީސީއާރް ޓެސްޓުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެނަމަ، އިންޑިއާ ސަރުކާރުން ކަނޑައަޅާ ތަނެއްގައި އެ މީހަކު ކަރަންޓީންވާން ޖެހޭނެއެވެ. ޓެސްޓު ނެގެޓިވް ވެއްޖެ ނަމަ އިތުރު ހަތް ދުވަހަށް އެ މީހާގެ ހާލަތު އަމިއްލައަށް މޮނިޓާ ކުރަން ޖެހޭނެއެވެ.

ވައިގެ މަގުން އެތެރެވާ މީހުންގެ އިތުރުން ކަނޑުމަގުންނާއި އެއްގަމު މަގުން އިންޑިއާއަށް ދާ މީހުން ވެސް އެ އުސޫލުތަކަށް އަމަލުކުރަން ޖެހޭނެއެވެ.