އެއްބަސްވުމުގައިވާ ގޮތުގެމަތިން އަފްޣާނިސްތާނުން އެމެރިކާ ސިފައިން ބާލަންވާނެ ކަމަށް، އަފްޣާނިސްތާނުގެ ތާލިބާން ޖަމާއަތުން އެމެރިކާގެ އިންތިޚާބީ ރައީސް ޖޯ ބައިޑެންއަށް ގޮވާލައިފިއެވެ.

އެ ޖަމާއަތުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އަފްޣާނިސްތާނުން އެމެރިކާ ސިފައިން ބޭލުމާ ގުޅޭގޮތުން މިއަހަރުގެ ފެބްރުއަރީމަހު ދެފަރާތުން ވެފައިވާ އެއްބަސްވުން ތަންފީޒުކުރުންމަތީ އައު ސަރުކާރު ދެމިއޮންނާނެ ކަމަށް އުންމީދުކުރާ ކަމަށެވެ.

އަފްޣާނިސްތާނުގައި ތިބޭ އެމެރިކާ ސިފައިން ބޭލުމަށް އެމެރިކާއިން އެއްބަސްވީ، ބައެއް ކަހަލަ ކަންކަމުގައި ތާލިބާން ޖަމާއަތުން އެމެރިކާއަށް ސަލާމަތީ ގެރެންޓީ ދިނުމާއި، އަދި ގަތަރުގެ ދޯހާގައި ބާއްވާ ސުލްހައިގެ ވާހަކަތަކުގައި އަފްޣާނިސްތާނު ސަރުކާރާއެކު ބައިވެރިވުމުގެ ޝަރުތެއްގެ ގޮތުންނެވެ.

އެއްބަސްވުމުގައިވަނީ، އަންނަ މެއިމަހުގެ ނިޔަލަށް އެމެރިކާގެ ހުރިހާ ސިފައިން އަފްޣާނިސްތާނުން ބާލައި ނިންމުމަށެވެ. މި އެއްބަސްވުމުގެ ދަށުން ސިފައިން ބާލަންވެސް ފަށާފައި ވެއެވެ.

ތާލިބާން ޖަމާއަތުގެ ބަޔާނުގައި ބުނެފައިވަނީ، އެމެރިކާއާއި އަފްޣާނިސްތާނާ ދެމެދު ހިނގަމުންދާ "ކުރިމަތިލުންތައް" އެންމެ ފުރިހަމައަށް އަދި މައުނަވީ ގޮތެއްގައި ނިމުމަކަށް ގެނެވެންއޮތީ، އެއްބަސްވުމުގައި ކަނޑައަޅާފައިވާ ގޮތަށް އަމަލު ކުރުމުން ކަމަށެވެ.

އެހެންކަމުން، އައު ސަރުކާރާއި، އައު ރައީސް ޖޯ ބައިޑެން އެއްބަސްވުން ދަމަހައްޓާނެ ކަމަށް ޔަގީންކުރާ ކަމަށްވެސް ތާލިބާން ޖަމާއަތުގެ ބަޔާނުގައި ވެއެވެ.

ތާލިބާނުން މިފަދައިން ބުނިއިރު ދޯހާ ވާހަކަތައްވެސް އެންމެ އެދެވޭގޮތެއްގައި ކުރިއަކަށް ނުދެއެވެ. ކަންކަންދަނީ ލަސްކުރަމުން ފަސްކުރަމުންނެވެ.

ނުވިތާކަށް، އަފްޣާނިސްތާނުގެ އެކި ހިސާބުތަކުގައި ދެވޭ ހަމަލާތައް ވަރުގަދަވެ އިތުރުވެފައި ވެއެވެ. ޕްރޮވިންސްތަކުގެ ވެރިރަށްތަކަށްވެސް ވަރުގަދަ ހަމަލާތަކެއްދީ އެތައްބަޔަކު މަރަމުން ގެންދެއެވެ.

ބައެއް ހިސާބުތަކުގައި އެމެރިކާ ސިފައިންނަށް މަޖުބޫރުވެގެން ވައިގެ ހަމަލާތައްވެސް ދީފައި ވެއެވެ.

އަފްޣާނިސްތާނު ހަނގުރާމަ ނިމުމަކަށް ގެނެސް، އަހަރުގެ ފަހުކޮޅު އަންނަ ބޮޑު ބަންދުގެކުރިން އެމެރިކާގެ ހުރިހާ ސިފައިން އަނބުރާ ގައުމަށް ގެނައުމަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ކެމްޕެއިން ވައުދެކެވެ.

ނަމަވެސް، އެމެރިކާގެ ގައުމީ ސަލާމަތާބެހޭ މުޝީރާއި، ސަރުކާރުގެ އޮފިޝަލުން ވިދާޅުވެފައިވަނީ، ސިފައިން އެއްކޮށް ބާލާނީ 2021 ވަނަ އަހަރުގެ މެއިމަހުގެ ނިޔަލަށް ކަމަށެވެ.