ކުޅުދުއްފުށި ސިޓީއާއި އިތުރު ތިން ރަށެއްގައި އަޅާ ޓާޝަރީ ހޮސްޕިޓަލުގެ ޑިޒައިނާއި ބިލް އޮފް ކުއަންޓިޓީ (ބީއޯކިޔު) ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން އިއުލާންކޮށްފިއެވެ.

ހެލްތު މިނިސްޓްރީން އިއުލާން ކުރީ ކުޅުދުއްފުށި ސިޓީގެ އިތުރުން ގދ. ތިނަދުއާއި ޏ. ފުވައްމުލަކާއި، އދ. މަހިބަދޫ ގައި ގާއިމުކުރާ ޓާޝަރީ ހޮސްޕިޓަލްތަކުގެ ޑިޒައިނާއި ބީއޯކިޔު ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށެވެ. މިކަމަށް އެދި އިއްޔެއިން ފެށިގެން ވަނީ ފުރުސަތު ހުޅުވާލައިފައެވެ.

މި ފުރުސަތު ހުޅުވާލާފައިވަނީ މި މަހުގެ 19ވަނަ ދުވަހުގެ 1:00އާ ހަމައަށެވެ. އެގޮތުންޝައުގުވެރިވާ ފަރާތްތަކުން [email protected] އަށް، ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު އީމެއިލް ކުރުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.

މި ޕްރޮޖެކްޓުގެ އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ މި މަހުގެ 26 ވަނަ ދުވަހުގެ މެންދުރު 12:00ގައި ހެލްތު މިނިސްޓްރީގައެވެ.

ރާއްޖޭގެ ފަސް ސަރަހައްދެއްގައި ޓާޝަރީ ހޮސްޕިޓަލްތައް ތަރައްގީކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވަނީ ނިންމާފައެވެ. މިއީ އަތޮޅުތަކުގެ ރައްޔިތުން ސިއްހީ ފަރުވާ ހޯދުމަށް މާލެއަށް ނައިސް އަތޮޅުތަކުން އެހިދުމަތްތައް ހޯދޭނެ ގޮތްތައް ފަހިކޮށްދިނުމަށް ކުރިއަށްގެންދާ ޕްރޮޖެކްޓުތަކެކެވެ.