މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހި ކަމުގެ ޚާއްސަ މަޝްރޫއުތަކެއް ފެށުމަށް ނިންމަވައި އެކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އިއުލާން ކުރައްވައިފިއެވެ.

ރައީސް ސޯލިހު އެކަން އިއުލާން ކުރެއްވީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މިއަދު ދެއްވި ޚިތޯބުގައެވެ.

ރައީސް ވިދާޅުވީ އަންނަ އަހަރު ސަރުކާރުން ކުރާނެ އެންމެ މުހިންމު މަސައްކަތަކީ، އަމިއްލަ ބޯހިޔާވަހިކަމެއް ނެތް، މާލެއަށް އުފަން ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމުގެ ހާއްސަ މަޝްރޫއުތަކެއް މާލެ ސަރަހައްދުގައި ފެށުން ކަމަށެވެ.

މި މަހާއި އަންނަ ޑިސެމްބަރު މަހުގެ ތެރޭގައި ގާތްގަނޑަކަށް 3،000 ފްލެޓެއްގެ އަމަލީ މަސައްކަތް ފެށޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވިގޮތުގައި މި ސަރުކާރުން 10،294 ހައުސިންގެ ޔުނިޓެއްގެ މަސައްކަތް ކުރިއަށް ގެންދަން ވަނީ ނިންމާފައެވެ. އޭގެ ތެރެއިން މާލޭ މީހުންނަށް ގޯތީގެ ގޮތުގައި 1،474 ޕްލޮޓް ދޫކުރަން ހަމަޖެހިފައިވާ ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވަނީ ވިދާޅުވެފައެވެ.

އޭގެ ތަފްސީލު ވެސް އަސްލަމް ވަނީ މީގެކުރިން ދެއްވާފައެވެ. މިނިސްޓަރު ވިދާޅުވިގޮތުގައި ގުޅީފަޅު ހިއްކާ އެތަނުގައި ތަރައްގީކުރެވޭ ރެސިޑެންޝަލް ސަރަހައްދުން ރޯ ހައުސް ތަރައްގީ ކުރުމަށް 750 އަކަފޫޓުގެ 1،200 ޕްލޮޓް މާލޭ މީހުންނަށް ދޫކުރުމަށް ހަމަޖެހިފައިވެއެވެ. އަދި ހުޅުމާލޭ ފޭސް 2 އިން 1،000 އަކަފޫޓުގެ 26 ޕްލޮޓާއި އިތުރު 1،000 އަކަފޫޓުގެ 248 ޕްލޮޓް މާލޭ މީހުންނަށް ވިއްކަން ވަނީ ހަމަޖެހިފައި ކަމަށް މިނިސްޓަރު އަސްލަމް ވިދާޅުވިއެވެ.