ށ. މަރޮށީ ބަނދަރު ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.

މި މަސައްކަތް ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމެވެ.

މަރޮށީ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް ސަރުކާރުން ޙަވާލުކުރައްވާފައިވަނީ ހެވީ ފޯސް ޕްރައިވެޓް ލިމިޓެޑާއެވެ. އެ ބަނދަރު މަރާމާތުކުރާއިރު އެއްގަމު ތޮށި 1300 ފޫޓަށް ބޮޑުކުރުމަށްވަނީ ނިންމަވާފައެވެ.

މި މަޝްރޫޢު ހެވީ ފޯސްއާ ޙަވާލުކުރައްވާފައިވަނީ 2021ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. މި މަަސއްކަތަށް ބޭނުންވާ ސާމާނާއި މެޝިނަރީޒް އެރަށަށް ގެންގޮސް ސައިޓް މޮބިލައިޒްކުރުމުގެ މަސައްކަތް ހެވީ ފޯސްއިން އަންނަނީ ކުރަމުންނެވެ.

ޒަމާނީ ބަނދަރެއްގެ ގޮތުގައި މަރޮށި ބަނދަރު ތަރއްގީ ކުރާއިރު، ބަނދަރުގެ ބޭރު ތޮށި ހަދަނީ މެދަށް ވެލިއަޅައި ހިތްހަމަޖައްސާލަން ތިބެވޭނެ ތަނެއްގެ ގޮތުގައި ބޭނުން ކުރެވޭގޮތަށެވެ. މިއީ 490 މީޓަރުގެ ސޭންޑް-ފިލް ބްރޭކް ވޯޓަރއެކެވެ. އަދި އެއްގަމުތޮށިން ބޭރު ތޮއްޓަށް އެރުމަށް ބްރިޖެއް ވެސް އަޅާނެއެވެ.

420 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމުމަށް ހަވާލުކުރި މި މަޝްރޫޢުގައި ބާޖާ ކޮޅުވެއްޓިފަދަ އުޅަނދުތައް ކައިރިކުރުމަށް ރޭމްޕް ހެދުމާއި ޕޭމަންޓް ހެދުމާއި ބަނދަރު ބައްތި ޖެހުމުގެ މަސައްކަތް ވެސް ހިމެނެއެވެ.

މިއީ ސަރުކާރުގެ ބަޖެޓުން 43 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢު އެކެވެ.

މަރޮށީގައި މިހާރު ބޭނުންކުރަމުންދާ ބަނދަރަކީ 600 ފޫޓު ދިގު 250 ފޫޓު ފުޅާ ބަނދަރެކެވެ. އެހެންނަމަވެސް 2004 ވަނަ އަހަރު ކުރިމަތިވި ސުނާމީ ކާރިޘާގެ ސަބަބުން މަރޮށީ ބަނދަރަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.