ރަޝިޔާގެ ގަމާލިޔާ ރިސާޗް އިންސްޓިޓިއުޓުންތަރައްގީކޮށްފައިވާ ކޮވިޑްވެކްސިން "ސްޕުޓްނިކް5" ގެ ކްލިނިކަލް ޓްރައިލްސްތަކުން %92 ކާމިޔާބުކަމަށް ރަޝިޔާއިން ހާމަކޮށްފިއެވެ.

"ސްޕުޓްނިކް5" ވެކްސިންއަކީ، ދުނިޔޭގެ ގައުމެއްގައި ކްލިނިކަލް ޓްރައިލްސް ފެށުމުގެ ހުއްދަ ދެވުނު ސަރުކާރަކުންދިން ފުރަތަމަ ވެކްސިނެވެ.

ވެކްސިން ތަރައްގީކުރުމަށް ފަންޑުކުރާ ރަޝިއަން ޑައިރެކްޓް އިންވެސްޓްމަންޓް ފަންޑުން މިއަދު ބުނެފައިވަނީ، ދެވަނަ މަރްހަލާގެ ޓްރައިލްސްގެ ދަށުން 16،000 މީހުންނަށް މިހާރު ދެވަނަ ޑޯޒް ދީފައިވާ ކަމަށެވެ.

މިހާތަނަށް އެއްކުރެވުނު ޑޭޓާއަށް ބަލާއިރު، ވެކްސިން ވަރަށް ކާމިޔާބު ކަމަށްވެސް އެ ފަންޑުން ބުނެފައި ވެއެވެ.

ރަޝިޔާއިން ތަރައްގީކުރާ ކޮވިޑް ވެކްސިންގެ ކްލިނިކަލް ޓްރައިލްސް %92 ކާމިޔާބު ކަމަށް ރަޝިޔާއިން ހާމަކުރީ، ކޮވިޑަށް ވެކްސިނެއް ތަރައްގީ ކުރަމުންދާ އެމެރިކާގެ ފައިޒަރ އިންކޯޕޮރޭޓެޑުން ތަރައްގީ ކުރަމުންދާ ވެކްސިންގެ އަޖުމަބެލުމުގެ ޓެސްޓުތަކުން %90 ކާމިޔާބު ކަމަށް އެ ކުންފުނިން މިދިޔަ ހޯމަދުވަހު ހާމަކޮށްފައި ވަނިކޮށެވެ.

އިންސާނުން ބޭނުންކޮށްގެން ވެކްސިން ޓެސްޓްކުރަމުންދާއިރު، ކުންފުނިތަކުން ގެންދަނީ ވެކްސިންދޭ މީހުންގެ ތެރެއިން ބަލިޖެހެނީ ކިތައް މީހުންނަށްތޯ ބަލަމުންނެވެ.

ރަޝިޔާއިން މިއަދު ބުނެފައިވަނީ، އެގައުމުން ތަރައްގީކޮށްފައިވާ ވެކްސިންގެ ކްލިނިކަލް ޓްރައިލްސް އިތުރު ހަމަސްދުވަހަށް ކުރިއަށް ގެންދާނޭ ކަމަށެވެ. އަދި ޓްރައިލްސްތަކުގެ ނަތީޖާވެސް އާންމުކުރާނޭ ކަމަށް ބުނެފައި ވެއެވެ.

އެމެރިކާގެ ކުންފުނި ފައިޒަރގެ ކްލިނިކަލް ޓްރައިލްސްގެ ކާމިޔާބީއާއެކު، ރަޝިޔާއިން ކުރިއަށްގެންދާ ޓްރައިލްސްގެ ކާމިޔާބީއާއެކު، ކޮވިޑް-19 އަށް ވަރަށް އަވަހަށް ވެކްސިނެއް ލިބިދާނެކަމުގެ އުންމީދު އަނެއްކާވެސް އިތުރުވެގެން ގޮސްފައި ވެއެވެ.

ކްލިނިކަލް ޓްރައިސްގެ ކާމިޔާބީގެ ސަބަބުން ކޮވިޑަށް ތަރައްގީކުރަމުންދާ ވެކްސިންތަކުގެ ކޮވިޑްބަލި ފަތުރާ ވައިރަސް ހުއްޓުވިދާނޭކަމުގެ ޔަގީންކަންވެސް އިތުރުވެގެން ގޮސްފައިވެއެވެ.

ދުނިޔޭގެ ވަރަށް ގިނަ ކުންފުނިތކުން ކޮވިޑަށް ވެކްސިން ތަރައްގީކުރަމުން އެބަގެންދެއެވެ. އޭގެ ބައެއް ވެކްސިންގެ ކްލިނިކަލް ޓްރައިލްސް މިހާރުވެސް ފަށައިގެން ކުރިއަށް އެބަދެއެވެ.