މިއުޒިޝަންސް ޔޫނިއަން އޮފް މޯލްޑިވްސްގެ އަހަރީ ޖަލްސާ އަންނަމަހު ބާއްވަން ނިންމައިފިއެވެ.

އެ ޖަލްސާ ބޭއްވުމަށް ނިންމާފައިވަނީ އަންނަ ފެންރުވަރީ މަހުގެ 16 ގައެެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ޔޫނިއަންގެ ނައިބު ރައީސްގެ މަގާމުން މުހައްމަދު މަހުރާން މާޖިދު އިސްތިއުފާ ދެއްވާފައިވާތީ އެ މަގާމަށް އާ މެމްބަރަކު އިންތިޚާބު ކުރުމާއި އަލަށް އުފައްދާފައިވާ ޕަބްލިކް ރިލޭޝަންސް ޑައިރެކްޓަރ ގެ މަގާމަށް މެމްބަރަކު އިންތިޚާ ކުރުމަށް އެ ޖަލްސާގެ އެޖެންޑާގައި ވަނީ ހިމަނާފައެވެ.

މީގެ އިތުރުން ޖަލްސާގެ އެޖެންޑާއަށް އިތުރުކުރަން ބޭނުންވާ އެއްވެސް ކަމެއް ވާނަމަ، [email protected] އީމެއިލްއަށް، އަންނަމަހުގެ 1 ވާ އަންގާރަ ދުވަހުގެ ނިޔަލަށް ހުށަހެޅުމަށް ވަނީ އެދިފައެވެ.

އަލަށް އުފައްދާފައިވާ ޕަބްލިކް ރިލޭޝަންސް ޑައިރެކްޓަރ ގެ މަގާމް އުފެދުމާއި ގުޅިގެން ސްޕޯކްސް ޕަރސަންގެ މަގާމާއި އިވެންޓްސް ކޯޑިނޭޓަރގެ މަގާމު ބާތިލުވެ، އެ މަގާމުތަކުގެ ޒިންމާތަށް އަލަށް އުފެއްދުނު މަގާމަށް ބަދަލުކުރެވިގެން ދާނެއެވެ.

މި ދެމަގާމު އެއްކުރުމަށް ހިންގާ ކޮމިޓީއިން ނިންމާފައިވަނީ މެމްބަރުންގެ ތާއީދާއި އެކު، ހިންގާކޮމިޓީގެ މެމްބަރުންގެ އަދަދު މަދުވުމުން ކޮމިޓީގެ ހިންގުން ތެރިކަން އިތުރަށް ހަރުދނާ ކުރުވިގެންދާނެތީއެވެ.

މީގެ އިތުރުން، އެސޯސިއޭޓް އޮފިސަރ ގެ މަގާމުވެސް މިހާރުވަނީ އުވާލެވިފައެވެ.

ހުސްވެފައިވާ ޔޫނިއަންގެ އެގްޒެކެޓިވް ކޮމިޓީގެ ނައިބު ރައީސް އަދި ޕަބްލިކް ރިލޭޝަންސް ޑައިރެކްޓަރ ގެ މަގާމަށް ނަން ހުށަހަޅަން ބޭނުންވާ މެމްބަރުންނަށް، އެ ފުރުސަތުވަނީ ހުޅުވާލެވިފައެވެ.