އެމެރިކާގެ ރިޔާސީ އިންތިޚާބު އެންމެ ވާދަވެރިކޮށް ދިޔަ ސްޓޭޓްތަކުގެ ތެރޭގައި ހިމެނޭ އެއް ސްޓޭޓްކަމަށްވާ ޖޯޖިއާގެ ހުރިހާ ވޯޓެއް، ވަކިވަކިން އަތުން ގުނަން، އެ ސްޓޭޓްގެ ސެކްރެޓަރީ އޮފް ސްޓޭޓް ނިންމަވައިފިއެވެ.

ޕްރެސް ކޮންފަރެންސެއްގައި، ޖޯޖިއާގެ ސެކްރެޓަރީ އޮފް ސްޓޭޓް ބްރެޑް ރަފެންސްޕާގަރ ވިދާޅުވީ، ވޯޓު އަލުން އޮޑިޓްކުރަން ނިންމަވާފައިވާ ކަމަށެވެ. މާނައަކީ އެ ސްޓޭޓްގެ ހުރިހާ ވޯޓެއް އަލުން ވަކިވަކިން އަތުން ގުނާނެކަމެވެ.

ރިޔާސީ އިންތިޚާބުގައި ޖޯޖިއާއިން ރައީސް ޓްރަމްޕަށްވުރެ ޖޯ ބައިޑެން ކުރި ހޯއްދަވާފައިވަނީ 14،000 އަށްވުރެ ގިނަ ވޯޓުގެ ތަފާތުންނެވެ.

އެހެންނަމަވެސް، މި ތަފާތަކީ، ވޯޓު އަލުން ގުނަން ކެންޑިޑޭޓަކަށް އެދިވިދާނެ ހަނި އަޣުލަބިއްޔަތެކެވެ.

ބްރެޑް ރަފެންސްޕާގަރ ވިދާޅުވީ، މިހަފްތާގެ ފަހުކޮޅު ވޯޓު ގުނުމުގެ މަސައްކަތް އަލުން ފަށްޓަވާނޭ ކަމަށާއި، އެކަން ނޮވެމްބަރު 20 އަށް ނިންމަވާނޭ ކަމަށެވެ.

ނޮވެމްބަރު 20 އަކީ، ސްޓޭޓްތަކުން ވޯޓުގައި އެއްވެސް މައްސަލައެއް އުޅޭނަމަ އެކަންބަލައި، ނަތީޖާ ސެޓިފައި ކުރަންޖެހޭ އެންމެފަހު ތާރީޚެވެ.

ރިޔާސީ އިންތިޚާބުގެ ފަހުން، އެމެރިކާގެ ރައީސް ޓްރަމްޕާއި، ޓްރަމްޕްގެ އޮފިޝަލުން ގެންދަވަނީ، ސްޓޭޓްތަކުގެ އިންތިޚާބާބެހޭ އޮފިޝަލުންނަށް އެކި ކަހަލަ ތުހުމަތުތައް ކުރައްވައި، ވޯޓުގައި އޮޅުވާލުމާއި މަކަރު ހަދާފައިވާ ކަމަށް ތުހުމަތު ކުރައްވަމުންނެވެ.

ނަމަވެސް، އެފަދަ ތުހުމަތުތަކަށް ބިނާކޮށް ޓްރަމްޕް ކެމްޕެއިންނުން ސްޓޭޓްތަކުގެ ކޯޓުތަކަށް ވެއްދި ހުރިހާ މައްސަލައެއްވަނީ ބޭރު ކޮށްލާފައެވެ. އެއީ، އެކަށީގެންވާ ހެކި ނެތްކަމަށް ބުނެއެވެ.

ނޮވެމްބަރ 3 ގެ އިންތިޚާބު ޖޯ ބައިޑެން ކާމިޔާބު ކުރައްވައިފި ކަމަށް އެއެފްޕީއާއި، ބޮޑެތި އެހެން ނޫސް އޭޖެންސީތަކުން ޕްރޮޖެކްޓްކޮށްފައި ވާއިރު، އެމެރިކާގެ އާދަކާދައަކީ މިގޮތަށް ނޫސް އޭޖެންސީތަކުން ޕްރޮޖެކްޓް ކުރުމުން ރައީސްކަމުގައި ހުންނަވާ ބޭފުޅަކު ބަލި ގަބޫލުކުރެއްވުމެވެ. އަދި އިންތިޚާބު ކާމިޔާބު ކުރެއްވި ކެންޑިޑޭޓަށް މަރްހަބާ ވިދާޅުވުމެވެ.

ނަމަވެސް، ރައީސް ޓްރަމްޕް މިއިން އެއްވެސްކަމެއް ނުކުރައްވައެވެ. ނުވިތާކަށް، ޓްރަމްޕް ގެންދަވަނީ ގިނަ މައްސަކަތަކެއް ކޯޓަށް ވައްދައި، ވެރިކަމުގެ އިތުރު ދައުރެއް ލިބޭތޯ ގަދައަޅައި މަސައްކަތް ކުރައްވަމުންނެވެ.