އެމެރިކާގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި ޖޯ ބައިޑެންއަށް މަރްހަބާ ވިދާޅުވެ ހުންނެވި ހުންނެވުން މެކްސިކޯގެ ރައީސް ދިފާއު ކުރައްވައިފިއެވެ.
އިއްޔެ ބޭއްވި ޕްރެސް ކޮންފަރެންސެއްގައި މެކްސިކޯގެ ރައީސް އެންދްރޭސް މަނުއެލް ލޮޕޭޒް އޮރޭޑަރ ވިދާޅުވީ، ޖޯ ބައިޑެންއަށް މަރްހަބާ ވިދާޅުވާން އަދި މާ އަވަސް ކަމަށެވެ.
އެހެން ނޫނަސް، މެކްސިކޯއަކީ އެމެރިކާގެ "ކޮލޮނީއެއް ނޫން" ކަމަށް އޭނާ ވިދާޅުވިއެވެ.
މެކްސިކޯގެ ރައީސް އެންދްރޭސް މަނުއެލް ލޮޕޭޒް ވިދާޅުވީ، ގާނޫނީ ހަމަތަކުގެމަތިން ގާއިމް ނުކުރެވޭ ސަރުކާރަކަށް މަރްހަބާ ނުކިޔޭނޭ ކަމަށެވެ. އެފަދަ ކަމެއްކުރުމަކީ އިންތިޚާބުގެ ތެރެއަށް ވަދެގަތުން ކަމަށް އޭނާ ސިފަކުރެއްވިއެވެ.
އެކަމަކު، ބޮލީވިއާގައި 2019 ވަނަ އަހަރު ބޭއްވި ވާދަވެރިކަންބޮޑު އިންތިޚާބު ނިމުމާއެކު މެކްސިކޯގެ ރައީސް އެންދްރޭސް ވަނީ، އޭރުއޮތް ސަރުކާރަށް މަރްހަބާ ވިދާޅުވެފައެވެ. އެކަމަކު، ވޯޓުގައި ގަވާއިދާ ޚިލާފް އެތައްކަމެއް ހިނގައިވާތީ އިންތިޚާބު ފަހުންވަނީ ބާތިލްކޮށްފައެވެ.
2006 ވަނަ އަހަރާއި، 2012 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އޭނާ ބަލިކޮށްފައިވަނީ ވޯޓުގައި އޮޅުވާލުމާއި މަކަރާއި ހީލަތުން ކަމަށް އެންދްރޭސް މަނުއެލް ލޮޕޭޒް ތުހުމަތު ކުރައްވައެވެ.
އެންދްރޭސް މަނުއެލް ލޮޕޭޒް ވިދާޅުވީ، އެމެރިކާގެ ރިޔާސީ އިންތިޚާބުގައި އޭނާ ހުންނެވީ ވަކިކޮޅެއްގައި ނޫންކަމަށެވެ.
ވޯޓާ ގުޅިގެން ޓްރަމްޕްގެ ސަރުކާރުން ކޯޓަށް ހުށަހަޅާފައިވާ މައްސަލަތައްނިމި، އިންތިޚާބުގެ ސައްހަކަމާމެދު ގާނޫނީގޮތުން ގޮތެއް ކަނޑައަޅަންދެން ބައިޑެންއަށް މަރްހަބާ ވިދާޅުނުވާނެ ކަމަށް މެކްސިކޯގެ ރައީސް ވިދާޅުވިއެވެ.
އެކަމަކު، މެކްސިކޯގެ ރައީސް އެންދްރޭސް މަނުއެލް ލޮޕޭޒްއާ ދެކޮޅު ފަރާތްތަކުން ބުނަނީ، ބައިޑެންއަށް މަރްހަބާ ވިދާޅުނުވާން މެކްސިކޯގެ ރައީސް އުޅުއްވަނީ ކޮންމެވެސް އެހެންކަމަކާއެވެ.
މެކްސިކޯގެ ރައީސް އެންދްރޭސް މަނުއެލް ލޮޕޭޒް ހިމެނިވަޑައިގަންނަވަނީ، ޖޯ ބައިޑެންގެ ކާމިޔާބީއަށް މަރްހަބާ ވިދާޅުނުވާ ދުނިޔޭގެ ބޮޑެތި ގައުމުތަކުގެ ތެރެއިން މަދު ގައުމެއްގެ ވެރިންގެ ތެރޭގައެވެ.