ޓެރަރިޒަމާއި ހަރުކަށި ފިކުރާ ދެކޮޅަށް ޤައުމުތަކުން ގުޅިގެން މަސައްކަތްކުރުމަށްޓަކައި ސައުދީ އަރަބިއްޔާއިން އުފައްދާފައިވާ "އިސްލާމިކް މިލިޓަރީ ކައުންޓަރ ޓެރަރިޒަމް ކޯލިޝަން" (އައި.އެމް.ސީ.ޓީ.ސީ)ގެ ސެކްރެޓަރީ ޖެނެރަލް މޭޖަރ ޖެނެރަލް މުޙައްމަދު ބިން ސައީދު އަލްމުޣައިދީއާ މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ މިއަދު ހެނދުނު ބައްދަލުކުރައްވައިފިއެވެ.

މިބައްދަލުކުރެއްވުމުގައި، މިނިސްޓަރ މާރިޔާ ވަނީ، ޓެރަރިޒަމާއި ހަރުކަށި ފިކުރާ ދެކޮޅަށް ރައީސް ޞާލިޙްގެ ސަރުކާރުން ގެންގުޅުއްވާ "ޒީރޯ ޓޮލަރެންސް" ސިޔާސަތުގެ ދަށުން، ޓެރަރިޒަމާއި ހަރުކަށި ފިކުރު ފެތުރުން ހުއްޓުވަން ޤައުމީ ފެންވަރުގަޔާއި ބައިނަލްއަޤްވާމީ ފެންވަރުގައި ކުރަމުންދާ މަސައްކަތްތަކަށް، ސަރުކާރުން ފުރިހަމަ އެއްބާރުލުން ދެއްވަމުން ގެންދަވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. މިގޮތުން، ސައުދީ އަރަބިއްޔާގެ ވެރިރަށް ރިއާދުގައި ޤާއިމްކޮށްފައިވާ އައި.އެމް.ސީ.ޓީ.ސީގެ ކައުންޓަރ ޓެރަރިޒަމް ސެންޓަރުގައި، 2020 ވަނަ އަހަރުގެ ޖަނަވަރީމަހުން ފެށިގެން، 1 އަހަރުގެ މުއްދަތަށް ޑިޕްލޯއިކޮށްފައިވާ ދިވެހި ޤައުމީ ދިފާޢީ ބާރުގެ ކޮންޓިންޖަންޓުން، އެމުއްދަތު އިތުރުކޮށް، މިހާރުވެސް އެސެންޓަރުގައި ޙަރަކާތްތެރިވަމުންދާކަން މިނިސްޓަރ މާރިޔާ ފާހަގަކުރެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި، އައި.އެމް.ސީ.ޓީ.ސީގެ ސެކްރެޓަރީ ޖެނެރަލްވަނީ، ޓެރަރިޒަމާއި ހަރުކަށި ފިކުރާ ދެކޮޅަށް ދިވެހިރާއްޖޭގެ ސަރުކާރުން ކުރައްވަމުން ގެންދަވާ މުހިންމު މަސައްކަތުގައި، އައި.އެމް.ސީ.ޓީ ކޯލިޝަންގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. މިގޮތުން، އިސްލާމްދީނުގައި ކަން އޮންނަ ގޮތް އާންމުންނަށް ރަނގަޅަށް އޮޅުންފިލުވައިދޭނެ ދީނީ ޢިލްމުވެރިންނާއި ޓެރަރިސްޓު ހަމަލާޔަކުން ރައްކާތެރިވުމަށް ބޭނުންވާ އާލާތްތައް ފޮނުވައިގެން، މިމަސައްކަތް އިތުރަށް ވަރުގަދަކުރުމާ ބެހޭގޮތުން ދެފަރާތުންވަނީ މަޝްވަރާކުރައްވާފައެވެ.

އިސްލާމީ ޤައުމުތަކުން ގުޅިގެން ޓެރަރިޒަމާއި ހަރުކަށި ފިކުރާ ދެކޮޅަށް މަސައްކަތްކުރުމަށްޓަކައި 2015 ވަނަ އަހަރު އުފެއްދި މި ކޯލިޝަންގައި 41 ޤައުމަކުންވަނީ ބައިވެރިވެފައެވެ. މި ކޯލިޝަންގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި އިސްލާމީ ޤައުމުތަކުން ގުޅިގެން ޓެރަރިޒަމާއި ހަރުކަށި ފިކުރާ ދެކޮޅަށް ސަލާމަތާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމާއި، މެމްބަރު ޤައުމުތަކުގެ މެދުގައި ޓެރަރިޒަމާ ގުޅުންހުރި މަޢުލޫމާތު ޙިއްސާކުރުން ހިމެނެއެވެ.

މި ބައްދަލުވުމުގައި، މިނިސްޓަރ އޮފް ޑިފެންސްގެ އަރިހުގައި، ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރު (އެން.ސީ.ޓީ.ސީ)ގެ ޑިރެކްޓަރ ޖެނެރަލް ބްރިގޭޑިއަރ ޖެނެރަލް ޒަކަރިއްޔާ މަންސޫރާއި، މިލިޓަރީ ސެކްރެޓަރީ ޓު ދަ މިނިސްޓަރ އޮފް ޑިފެންސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުލް މަތީން އަޙްމަދާއި އައި.އެމް.ސީ.ޓީ.ސީގައި ޙަރަކާތްތެރިވަމުންދާ އެމްއެންޑީއެފް ކޮންޓިންޖަންޓުގެ ކޮމާންޑަރ ކާނަލް މުޙައްމަދު މުޚުތާރާއި އެމްއެންޑީއެފްގެ ޑިޕާޓްމަންޓް އޮފް އިންޓަރނޭޝަނަލް ޑިފެންސް ކޯޕަރޭޝަންގެ ޕްރިންސިޕަލް ޑިރެކްޓަރ ލެފްޓިނަންޓް ކާނަލް މުޙައްމަދު ޝަރީފުވަނީ ބައިވެރިވެވަޑައިގެންފައެވެ.