އަންނަ ފެބްރުއަރީ މަހުގެ ތިން ވަނަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ހަމަޖައްސަވައިފިއެވެ.

މިގޮތަށް ހަމަޖެއްސެވީ ރައީސުލްޖުމްހޫރިއްޔާ، ރައްޔިތުންގެ މަޖިލީހަށް ރިޔާސީ ބަޔާން އިއްވަވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމަށް 21 ޖަނަވަރީ 2019 ގެ ދެންނެވުމުން ހަމަޖައްސަވާފައިވާތީ އެވެ. އަދި ރައްޔިތުންގެ މަޖިލީހަށް ރިޔާސީ ބަޔާން އިއްވަވާ ދުވަހަކީ މިއަހަރުގެ ފެބްރުވަރީ 3 ވާ ބުރާސްފަތި ދުވަސް ކަމަށްވާތީއެވެ.

ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ޖަލްސާތައް އަންނަ ފެބްރުވަރީ މަހުގެ ތިން ވަނަ ދުވަހު ފަށާއިރު، މިއަހަރުގެ ރިޔާސީ ބަޔާން އިއްވާ ޖަލްސާގެ އެޖެންޑާ ވެސް މަޖިލިސް އިދާރާއިން މިހާރު ވަނީ އާންމުކޮށްފައެވެ.

އެ އެޖެންޑާގައިވާގޮތުން އެދުވަހުގެ ޖަލްސާ ފަށަން ހަމަޖައްސާފައިވަނީ ހެނދުނު 09:00 ގައެވެ. ޖަލްސާ އޮންނާނީ މަޖިލިސް ކުރާ ގޭގައެވެ. މި ޖަލްސާ ފައްޓަވައިދެއްވާނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ. އެއަށްފަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު، އެމަނިކުފާނުގެ ރިޔާސީ ބަޔާން އިއްވެވުން އޮންނާނެއެވެ.

މިއީ ކޮންމެ އަހަރަކަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމުގެ ގޮތުން، ގާނޫނުއަސާސީގެ 84 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، ރައީސުލްޖުމްހޫރއިްޔާ އިއްވަވަން ލާޒިމްވެ ވަޑައިގަންނަވާ ބަޔާނެކެވެ.

ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވެވުމުން އެދުވަހުގެ ޖަލްސާ ނިމޭނެ އެވެ.