ސ. ހުޅުދޫ ބަނދަރުގެ އެއްގަމު ތޮށި ލުމުގެ 89 އިންސައްތަ ނިމިއްޖެއެވެ.

އެ މަސައްކަތް ކުރާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ ހުޅުދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއުގެ ބޮޑު ބައި މިހާރު ނިމިފައިވާކަމަށެވެ.

އެގޮތުން މި މަޝްރޫއުގެ 81 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށް ވަނީ ބުނެފައެވެ.

މި މަޝްރޫއުގެ ދަށުން 88,623 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 114 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 624 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުމާއި، 742 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށި ލުމުގެ މަސައްކަތް ހިމެނެއެވެ.

މީގެއިތުރުން 2250 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހަދައި، މަގު ބައްތި ޖެހުމުގެ މަސައްކަތް ހިމެނެއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުއަކީ 66.3 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.