އެމެރިކާގެ އައު ރައީސް ޖޯ ބައިޑެންގެ ވެރިކަމުގައި ޚާރިޖީ ސިޔާސަތު ބައްޓަންވެގެންދާނީ، ކުރީގެ ރައީސް ބަރަކް އޮބަމާގެ ވެރިކަމުގެ ޚާރިޖީ ސިޔާސަތާ އެއްގޮތަށް ކަމަށް ގަބޫލުކުރައްވާ ކަމަށް، ރަޝިޔާގެ ޚާރިޖީ ވަޒީރު ސަރްގެއި ލަފްރޯފް ވިދާޅުވެއްޖެއެވެ.

ލަފްރޯފް ވިދާޅުވީ، ޚާއްސަކޮށް އީރާނުގެ މައްސަލައާއި އަދި މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލާގައި ބައިޑެން ގެންގުޅުއްވާނީ އޮބާމާގެ ސިޔާސަތުކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

ބަރަކް އޮބާމާގެ ވެރިކަމުގައި އެމެރިކާއާއި ރަޝިޔާގެ ގުޅުމުގައިވެސް ބޮޑެތި މައްސަލަތައްޖެހި، ގުޅުންތައް ގޯސްވެގެންދިޔައެވެ.

އެންމެބޮޑު މައްސަލައަކަށް ދިމާވީ، ޔޫކްރެއިންގެ ކްރިމިއަން ޕެނިންސޫލާ ރަޝިޔާގެ ބަޔަކަށް ހެދި މައްސަލައެވެ.

އެމެރިކާއާއި ރަޝިޔާގެ ގުޅުން ގޯސްވެގެންދިޔައީ ކްރިމިއަން ޕެނިންސޫލާގެ މައްސަލާގައި އެމެރިކާއިން ރަޝިޔާއަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމުންނެވެ.

ރަޝިޔާގެ ޚާރިޖީ ވަޒީރު ސަރްގެއި ލަވްރޯފް 2017 ވަނަ އަހަރު ވިދާޅުވެފައިވަނީ، ދުނިޔޭގެ ސުލްހައިގެ އިނާމް ހާސިލްކުރައްވާފައި ހުންނެވި ބޭފުޅެއްގެ ފަރާތުން އެފަދަކަމެއް އަތުވެދާނެ އޭނާ ހުންނެވީ އުންމީދު ކުރައްވައިގެން ނޫންކަމަށެވެ. ލަފްރޯފް މި އިޝާރާތް ކުރެއްވީ އޮބާމާއަށެވެ.

ކްރިމިއާން މައްސަލާގައި އެމެރިކާއިން، ރަޝިޔާ-އެމެރިކާ ގުޅުމުގައި ބަހައްޓާފައިވަނީ ޓައިމްބޮމެއް ކަމަށްވެސް ލަވްރޯފް ވިދާޅުވިއެވެ.

ކްރިމިއަން ޕެނިންސޫލާ މައްސަލާގައި އެމެރިކާ ސަރުކާރާއި ރަޝިޔާއާ ދެމެދު ބޮޑެތި އަރާރުންތައް ހިނގައި، ގުޅުން ގޯސްވެގެންދިޔައިރު، އޭރު ނައިބް ރައީސްގެ މަގާމުގައި ހުންނެވީ ޖޯ ބައިޑެންއެވެ.

އެހެންކަމުން، މިއަހަރުގެ ރިޔާސީ އިންތިޚާބު ޖޯ ބައިޑެން ކާމިޔާބު ކުރައްވާފައިވީ ނަމަވެސް، ރަޝިޔާއިން އަދިވެސް ބައިޑެންއަށް މަރްހަބާ ނުކިޔައެވެ.

ރަޝިޔާގެ ރައީސް ޕޫޓިންގެ އޮފީހުން ބުނެފައިވަނީ، ވޯޓުގެ ރަސްމީ ނަތީޖާ ލިބުމުން ނޫނީ، އެމެރިކާގެ ރިޔާސީ އިންތިޚާބަށް ރަޝިޔާއިން އެއްވެސް އެއްޗެއް ބުނަން ބޭނުން ނުވާކަމަށެވެ.

މިދިޔަ އޮކްޓޫބަރުމަހު ރަޝިޔާގެ ރައީސް ލަޑިމިއަރ ޕޫޓިން ވިދާޅުވެފައިވަނީ، ޖޯ ބައިޑެންއަކީ "ކަނޑައެޅިގެން ރަޝިޔާއާ ދެކޮޅު" ބޭފުޅެއް ކަމަށެވެ. ހަމަ އެއާއެކު ވިދާޅުވެފައިވަނީ، ކޮންމެ ބޭފުޅަކު ވެރިކަމަށް ވަޑައިގަތަސް އެ ބޭފުޅަކާއެކު ރަޝިޔާއިން މަސައްކަތް ކުރާނޭ ކަމަށެވެ.

ނަމަވެސް، ރަޝިޔާގެ ރައީސް، އެމެރިކާގެ މިހާރުގެ ރައީސް ޓްރަމްޕަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވާފައި ވެއެވެ. ޕޫޓިން ވިދާޅުވީ، ރަޝިޔާއާއާއި އެމެރިކާގެ ގުޅުން ރަނގަޅު ކުރައްވަން ޓްރަމްޕް މަސައްކަތް ކުރެއްވި ކަމަށެވެ.