މަރު ކޮމިޝަނަށް ސީނިއަރ ރިސާރޗް އޮފިސަރެއް ހޯދަން އިޢުލާން ކޮށްފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކޮށްފައިވާ އިޢުލާނެއް ބުނެފައިވަނީ މި މަގާމުގެ މުސާރައަކީ 6،295 ރުފިޔާ ކަމަށެވެ. އަދި ސަރވިސް އެލަވެންސްގެ ގޮތުގައި 2،000 ރުފިޔާގެއާއި ޚާއްސަ އެލަވެންސްގެ ގޮތުގައި 2،832 ރުފިޔާ ލިބޭނެ ކަމަށެވެ.

މި މަގާމަށް ކުރިމަތިލާ މީހެއްގެ ޝަރތުތަކުގެ ތެރޭގައި ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް ހަތަރެއްގެ ސަނަދެއް ހާސިލްކޮށްފައިވާ މީހަކަށްވުމާއި އެފަދަ މަގާމަކާ ގުޅޭ ދާއިރާއަކުން ހައަހަރު ދުވަހުގެ ތަޖުރިބާ ހުންނަން ޖެހެއެވެ. ފެބްރުއަރީ މަހުގެ ދެވަނަ ދުވަހުގެ ކުރިން މި މަގާމަށް ކުރިމަތިލާން ޖެހޭ އިރު، މަގާމަށް ކުރިމަތިލާ މީހަކީ، އިނގިރޭސި އަދި ދިވެހި ބަހުން ވާހަކަ ދެއްކުމާއި، އެ ކޮމިޝަނުގެ މަސްއޫލިއްޔަތުތައް އަދާކުރެވޭނެ މީހަކަށް ވެސް ވާންޖެހެއެވެ.

މަރު ކޮމިޝަނަކީ ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގެ ދަށުން ހިންގާ ކޮމިޝަނެކެވެ. މި ކޮމިޝަން އުފެއްދީ މަރާލާފައިވާ މީހުންނާއި ވީނުވީއެއް ނޭނގި ގެއްލިފައިވާ މީހުންގެ މައްސަލަތައް ބަލައި ތަހުގީގު ކުރުމަށެވެ.