ހާރިޖީ ގުޅުންތަކަށް ބުރޫއަރާ ގޮތަށް އަމަލުކޮށް، ވާހަކަދައްކާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އެޅޭނެ ބިލެއް އެކުލަވާލުމުގެ މަސައްކަތް ފަށައިފިއެވެ.

މިފަދަ ބިލެއް ޑްރާފްޓްކޮށް އެކަމާގުޅޭ މަޝްވަރާތައް ހިންގަމުން އަންނަކަން އެމްޑީޕީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ވަނީ ބައެއް މީޑިއާތަކަށް ކަށަވަރުކޮށްދީފައެވެ.

'ދިވެހިރާއްޖެއިން ބޭރު ޤައުމުތަކާއެކު ޤާއިމުކޮށްފައިވާ ޚާރިޖީ ގުޅުންތަކަށް ނޭދެވޭ އަސަރުކުރާނެ ފަދަ ޢަމަލުތައް ހުއްޓުވުމުގެ ބިލު'ގެ ނަމުގައި ޑްރާފްޓް ކޮށްފައި އޮތް ބިލުގައި އަދި އޮތީ ނުވަ މާއްދާއެވެ.

އެ ބިލުގެ ޑްރާފްޓުގައި ބިލުގެ މަޤްސަދުގެ ގޮތުގައި ބުނެފައިވަނީ، ދިވެހިރާއްޖެއިން ބޭރު ޤައުމުތަކާއެކު ޤައުމުތަކާއެކު ޤާއިމުކޮށްފައިވާ ޚާރިޖީ ގުޅުންތަކަށާއި އަދި އެކި ޤައުމުތަކާ ދެމެދު އޮންނަ ގުޅުންތަކަށް ނޭދެވޭ އަސަރުކުރާނެ ފަދަ ޢަމަލުތައްކުރުން ހުއްޓުވުމާއި، އެފަދަ ޢަމަލުތަކުގެ ސަބަބުން ދިވެހިރާއްޖެއަށް ލިބިދާނެ ގެއްލުމަކުން ދިވެހިރާއްޖެ ސަލާމަތްކުރުމާއި، ބޭރު ޤައުމުތަކުގެ ޢިއްޒަތާއި ޤަދަރަށް ބުރޫއަރާފާނެ ޢަމަލުތައްކުރުން ހުއްޓުވުން، އަދި ބޭރު ޤައުމުތަކާ ދެކޮޅަށް ހަރަކާތްތައް ހިންގާ ނުވަތަ އެ ހަރަކާތްތަކުގައި ބައިވެރިވާ ފަރާތްތަކާމެދު އަޅާނެ ޤާނޫނީ ފިޔަވަޅުތައް ކަނޑައެޅުން ކަމަށެވެ.

މި ޑްރާފްޓް ބިލުގައި ނޭދެވޭ އަސަރުކުރާނެ ފަދަ ކަންކަމުގެ ތެރޭގައި، ރާއްޖެއާއި އެެހެން ގައުމަކާ ދެމެދު ޤާނޫނީް ނުވަތަ ބައިނަލްއަޤްވާމީ ހަމަތަކާ އެއްގޮތަށް ނުވަތަ އެއްބަސްވުމަކާ އެއްގޮތަށް ނުވަތަ ދެ ގައުމުން ބަލައިގަނެފައިވާ އުސޫލުތަކާ އެއްގޮތަށް އޮތް ކަމެއްގައި، ދިވެހި ރައްޔިތުންގެ ނަމުގައި ނުވަތަ ދިވެހިރާއްޖެ ރަމްޒުވާގޮތަށް، ވަކި ބަޔަކު ނުވަތަ ސިޔާސީ ޕާޓީއަކުން ނުވަތަ ޖަމާއަތަކުން އެ ގައުމަކާ ނުވަތަ އެ ގައުމެއްގެ ސަރުކާރާ ނުވަތަ އެ ގައުމެއްގެ ވަކި މުއައްސަސާއަކާ ދެކޮޅަށް މުޒާހަރާކުރުމާއި ކެމްޕޭން ކުރުމާއި ސިޔާސީ ނުވަތަ އެނޫންވެސް ހަރަކާތްތައް ހިންގުން ހިމަނާފައިވެއެވެ