މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ހިޔާނާތުގައި ބައިވެރިވިކަމުގެ ތުހުމަތު ކުރެވޭ ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑަށް ދައުލަތުން ކުރާ ދައުވާގެ އަޑު އެހުމެއް އާދިއްތަ ދުވަހަށް ކްރިމިނަލް ކޯޓުގައި ތާވަލްކޮށްފިއެވެ.

އެ އަޑުއެހުން ކްރިމިނަލް ކޯޓުގައި ތާވަލްކޮށްފައިވަނީ، އާދިއްތަ ދުވަހުގެ 14:00 އަށެވެ. މި މައްސަލައިގައި އެންމެފަހުން ބޭއްވި އަޑުއެހުމުގައި ގާނޫނީ ވަކީލެއް އައްޔަން ކުރުމަށް ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިންގ ކުންފުން 10 ދުވަހުގެ ފުރުސަތެއް ވަނީ ދީފައެވެ.

ދައުލަތުން އުފުލި ދައުވާގައި ބުނެފައިވަނީ، ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރުސީ މެދުވެރިކޮށް، ޓޫރިސްޓް ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރުމަށް ރ. ފުއްގިރި ކުށްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން، ރައީސް ޔާމީން، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން، ކ. މާލެ، މއ. ކުރިކީލަހިޔާ، އަހުމަދު ކްރިކް ރިޒާ، މެދުވެރިކޮށް ރިޝްވަތުގެ ގޮތުގައި، 1،117،000 (އެއް މިލިއަން އެއް ލައްކަ ސަތާރަ ހާސް) ޑޮލަރު ހޯދައި، ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑާއި، ސަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ބޭނުންކޮށްގެން އެ ފައިސާ މަނީ ލޯންޑަރ ކުރުމަށްޓަކައި ފަށަލަކޮށްފައިވާ ކަމަށެވެ.

ބޭންކް އޮފް ސިލޯންގައިވާ ކުރިކް ރިޒާގެ އެކައުންޓަށް 1،117،000 (އެއް މިލިއަން އެއްލައްކަ ސަތާރަ ހާސް) ޑޮލަރު، ސްޓޭޓް ބޭންކް އޮފް އިންޑިއާގައި ހުޅުވާފައިވާ ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިންގ ކުންފުނީގެ އެކައުންޓަށް ޖަމާކޮށް، ސަން ސިޔާމުގެ އެހެން ކުންފުންޏެއް ކަމަށްވާ ސަން އިންވެސްޓްމަންޓް ކުންފުނި މެދުވެރިކޮށް، ރައީސް ޔާމީންއަށް ފައިސާ ފޯރުކޮށްދީފައިވާ ކަމަށް ދައުލަތުން ބުނެއެވެ.

ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑަކީ މޯލްޑިވްސް ޑިވަލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) ގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދުގެ މަސްލަހަތު އޮތް ކުންފުންޏެކެވެ، ހަމަ މި މައްސަލައިގައި ސަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ވެސް ދައުވާކޮށްފައިވެއެވެ.

މި މައްސަލައިގައި ތުހުމަތު ކުރެވޭ ފަރާތްތަކުގެ އަތުން، 591،118،915.20ރ. (ފަަސް ސަތޭކަ ނުވަދިހަ އެއް މިލިއަން އެއް ލައްކަ އަށާރަ ހާސް ނުވަ ސަތޭކަ ފަނަރަ ރުފިޔާ ވިހި ލާރި) ހޯދުމަށް ދައުލަތުން މަސައްކަތް ކުރާނެ ކަމަށް ޕީޖީ އޮފީހުން ބުނެފައިވެއެވެ.