ދިވެހި އުފެއްދުންތަކަށް ޚާއްސަކޮށްގެން ހުޅުމާލެ ސެންޓްރޯ މޯލްގައި 'އޮތެންޓިކް މޯލްޑިވްސް'ގެ ނަމުގައި ބީސީސީން ފިހާރައެއް ހުޅުވައިފިއެވެ.

މިފިހާރައަކީ ދިވެހި އަތްތެރި މަސައްކަތް ކުރާ ދިވެހިންނަށް އަމާޒުކޮށްގެން ސަރުކާރުގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމުގެ ސިޔާސަތުގެ ދަށުން އެފަދަ ވިޔަފާރިތައް ކުރިއެރުވުމުގެ މަޤްސަދުގައި ހުޅުވާފައިވާ ފިހާރައެކެވެ.

ކުދި ވިޔަފާރީގައި ހަރަކާތްތެރިވާ 57 ވިޔަފާރިވެރިއެއްގެ އުފެއްދުން މި ފިހާރައިން ލިބެން ހުންނާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން މައުލޫމާތުދެއްވައެވެ.

މި ފިހާރަ ހުޅުވުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް އާރޓްސް ، ކަލްޗާ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫން ، އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްގެ އިތުރުން މިނިސްޓަރ އޮތް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމަންޓް އަޙްމަދު މަހްލޫފް ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި ފިހާރައިގައި ރާއްޖޭގެ ޘަޤާފަތް ދައްކުވައިދޭ ގޮތަށް ފަރުމާކޮށްފައިވާ ކުރެހުންތަކާއި ލިޔެލާޖެހި ޓުކުރިތަކާއި ޘަޤާފީ އެކި ކަންކަން ދައްކުވައިދޭ ތަފާތު އުފެއްދުންތައް މި ފިހާރައިގައި ލިބެންހުރެއެވެ. އަދި އަމިއްލަ ފަރާތްތަކުން އެކި ރަހަތައް ހިމެނޭގޮތަށް ހަދާފައިވާ ކާނާގެ ބާވަތްތައްވެސް މި ފިހާރާއިން ލިބޭނެއެވެ.