އައު ބިލްތަކަކާއެކު ސަރުކާރުން 36 ބިލެއް މަޖިލީހަށް މިދައުރުގައި ހުށަހަޅަން ނިންމާފައިވާ ކަމަށް އެޓަރނީ ޖެނެރަލްގެ އޮފީހުން ހާމަކޮށްފިއެވެ.

އެ އޮފީހުން ބުނީ މި ބިލުތަކުގެ ލިސްޓު ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ ކަމަށެވެ.

އޭޖީ އޮފީހުން އަލަށް މި ދައުރުގައި މަޖިލީހަށް ހުށަހަޅާ ބިލުތަކުގެ ތެރޭގައި ގަނޫނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ބިލާއި އަބުރާއި ބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ބިލާއި މޯލްޑީވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން އޮތޯރިޓީގެ ބިލް ހިމެނެއެވެ. އަދި ގިންތި ކަނޑައެޅުމާއި ދަރަޖަ ކުރުމުގެ ބިލާއި މޯލްޑިވްސް ހެލްތް ސަރވިސްގެ ބިލާއި އާއިލާ އާއި ބެހޭ ބިލާއި ކުންފުނީގެ ބިލާއި މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ރައްކާތެރިކަމުގެ ބިލާއި އިންޑަސްޓްރިއަލް ރިލޭޝަންސްގެ ބިލު ވެސް ހިމެނެއެވެ.

މީގެ އިތުރުން ކުނި ނައްތާލުމާއި މެނޭޖްކުރުމުގެ ބިލާއި ގަލާއި ވެއްޔާއި އަކިރި ނެގުމާއި ބޭނުން ކުރުމުގެ ބިލާއި މަދަނީ ވައިގެ ދަތުރުފަތުރުގެ ބިލާއި ވައިގެ މަގުން ދަތުރު ކުރާ ފަސިންޖަރުންގެ ހައްގުތައް ރައްކާތެރިކުރުމުގެ ބިލް އަދި ކެމިކަލް ހަތިޔާރު މަނާ ކުރުމުގެ ބިލު ވެސް ހުށަހެޅުމަށް ވަނީ ފޮނުވާފައެވެ.