ރާއްޖެ އިސްލާމްވި ދުވަހާ ގުޅިގެން އިސްލާމީ ހަމަތަކަށް ފެތޭގޮތަށް ކުރެހުމުގެ މުބާރާތެއް ބޭއްވުމަށް އިސްލާމިކް މިނިސްޓްރީން ނިންމައިފިއެވެ.
މިމުބާރާތަކީ ކުޑަކުދިންގެ މެދުގައި އިސްލާމީ އަޚްލާޤު އަށަގަންނުވައި އިސްލާމީ އަޤީދާގެ މަތީގައި އުފެއްދުންތެރި ޖީލެއް ބިނާކުރުމުގެ މަގްސަދުގައި އުމުރުން 5 އަހަރާ 13 އަހަރުގެ ކުދިންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މުބާރާތެކެވެ.
މުބާރާތުގެ ތީމްތައް
1 .ނަމާދު
2 .މަންމަ އާއި ބައްޕަ
3 .ގެފުޅު
ނަމާދާ ގުޅޭ ކުރެހުންތައް ހުށައަޅާއިރު ނަމާދު ވަގުތު، ނަމާދުކުރާ ތަން އަދި ނަމާދުގެ މުހިންމުކަން އަންގައިދޭ ކުރެހުންހުށަހެޅިދާނެ ކަމަށް އިސްލާމިކް މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ.
އަދި އަހަރެންގެ މަންމައާއި ބައްޕަގެ ބަޔަށް މައިންބަފައިންނަށް އެހީތެރިވުމާ މައިންބަފައިންނަށް އޯގާތެރިވުމާ މައިންބަފައިންނަށް އިޙްތިރާމްކުރުމުގެ ކުރެހުންތައްވެސް ހުށައެޅޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން މައުލޫމާތުދެއެވެ.
ގެފުޅުގެ ބައިގައި ގެފުޅަކީ ކޮންތަނެއްކަމާއި، ގެފުޅަށް ޒިޔާރަތް ކުރުމުގެ ބޭނުން އެނގޭގޮތަށް ކުރެހުންތައް ހުށައެޅޭނެކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.
މި މުބާރާތުން 1ވަނަ 2ވަނަ 3ވަނަ 4ވަނަ އަދި 5ވަނަ އަށް ހޮވޭ ފަރާތްތަކަށް އިނާމާއި ހަނދާނީ ލިޔުން ދެވޭނެއެވެ.
1 ވަނަ އަށް 1500 ރުފިޔާ އާއި ހަނދާނީ ލިޔުން
2 ވަނަ އަށް 1000 ރުފިޔާ އާއި ހަނދާނީ ލިޔުން
3 ވަނަ އަށް 700 ރުފިޔާ އާއި ހަނދާނީ ލިޔުން
4 ވަނަ އަށް 500 ރުފިޔާ އާއި ހަނދާނީ ލިޔުން
5 ވަނަ އަށް 300 ރުފިޔާ އާއި ހަނދާނީ ލިޔުން
ކުރެހުމާ އެކު ހުށަހަޅަންޖެހޭ ތަކެތި
ކުރެހުންތެރިޔާގެ އައިޑީ ކާޑުގެ ކޮޕީއެއް
ކުރެހުންތެރިޔާގެ ސްޓޭމްޕު ސައިޒުގެ ފޮޓޯއެއް
ކުރެހި ވަގުތު ނަގާފައިވާ ފޮޓޯއަކާއި، ކުރެހުމާއެކު ނަގާފައިވާ ފޮޓޯއެއް
މުބާރާތުގައި ބައިވެރިކުރުމަށް އެދޭ ކުރެހުންތައް 16 ނޮވެންބަރު 2020 ގެ 00:16 ގެ ކުރިން [email protected] އަށް ފޮނުވުމުގެ ފުރުޞަތު އިސްލާމިކް މިނިސްޓްރީން ވަނީ ހުޅުވާލާފައެވެ.