ޔޫތް މިނިސްޓަރ އަހްމަދު މަހްލޫފުގެ ޝަރީޢަތް މާދަމާ ބާއްވަން ތާވަލު ކޮށްފިއެވެ.

ކްރިމިނަލް ކޯޓުން މި ޝަރީޢަތް ތާވަލު ކޮށްފައިވަނީ މާދަމާ މެންދުރަށް މެންދުރުފަހު 1:30 އަށެވެ.

މަހްލޫފުގެ މައްޗަށް އުފުލާފައިވަނީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައިގައި ރިޝްވަތު ހިފުމުގެ ދައުވާއެވެ.

ޕީޖީ އޮފީހުން މަހުލޫފުގެ މައްސަލަ ކުރިމިނަލް ކޯޓަށް ފޮނުވާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 24 ވަނަ ދުވަހުއެވެ. އެ މައްސަލައިގެ އެންމެ ފުރަތަމަ އަޑުއެހުމެއް ތާވަލުކޮށްފައިވަނީ މިދިޔަ މަހުގެ 19 ވަނަ ދުވަހަށެވެ. ނަމަވެސް އެ ޝަރީއަތް ވަނީ ކެންސަލްކޮށްފައެވެ.

ދައުލަތުގެ ފަރާތުން މަހުލޫފުގެ މައްޗަށް ރިޝްވަތު ހިފުމުގެ ދައުވާ ކުރަނީ 18 ވަނަ ރައްޔިތުން މަޖިލީހުގެ މެންބަރެއްގެ ގޮތުގައި މަހުލޫފު ހުންނެވި އިރު، އޭރު ސަރުކާރާ އެއްކޮޅަށް، ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ބިލް ފާސްކުރަން އޭނާގެ އެކައުންޓަށް 33،000 އެމެރިކާ ޑޮލަރު ޖަމާވެފައިވާކަން ތަހުގީގަށް އެނގިފައިވާތީއެވެ.

އެ ފައިސާއަކީ އެމްއެމްޕީއާރުސީ ހިޔާނާތުގެ ފައިސާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވަނީ ބުނެފައެވެ.

މިނިސްޓަރ މަހްލޫފުގެ މައްސަލަ މަޑުޖައްސާލާފައިވަނީ ރާއްޖޭގައި ކޮވިޑުގެ ހާލަތު ގޯސްވެ، ކޯޓުގެ އޮފިސަރުން ވެސް ކޮވިޑަށް ޕޮޒިޓިވްވެފައިވާތީއެވެ. އެހެންނަމަވެސް ކޯޓު އޮފިސަރު ކޮވިޑުން މިހާރު ރަނގަޅުވެފައިވާތީ އާއި ކޯޓުގެ ގިނަ މުވައްޒަފުން ބޫސްޓަރ ޑޯޒްވެސް ޖަހާފައިވާތީ މަހުލޫފުގެ ޝަރީއަތް އަލުން ބާއްވަން ކޯޓުން ނިންމީ މިދިޔަ ހަފުތާގައެވެ.