މާލެ ސިޓީ ކައުންސިލަށް މާލެ މަގުމަތިން ވަކިވަކި ޕާކިން ސްލޮޓްތައް ނުވިއްކޭނެކަމަށް ޓްރާންސްޕޯޓް މިނިސްޓްރީއިން އަންގައިފިއެވެ.

މާލެ ސިޓީ ކައުންސިލުން އަންނަނީ ވެހިކަލް ޕާކުރުމަށް އަމިއްލަ ފަރާތްތަކަށް 1000 ޕާކިން ސްލޮޓަށްވާ މިންވަރަށް ޖާގަ ދޫކުރުމަށް ނިންމާ އެމަސައްކަތް ކުރަމުންނެވެ. އެކަމުގެ ޝަކުވާތައް މިނިސްޓްރީއަށް ލިބެމުންދާކަން ފާހަގަކޮށް މިނިސްޓްރީއިން އާންމުކުރި ބަޔާނެއްގައި ބުނީ އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ދަށުން ހަދާފައިވާ އެއްގަމު އުޅަނދު ޕާކް ކުރުމުގެ ގަވާއިދުގެ ތެރެއިން ސިޓީ ކައުންސިލަށް ލިބިދޭ ބާރުގެ ދަށުން ޕާކިން ޒޯންތައް ކަނޑައަޅައި، ހިލޭ ޕާކު ކުރެވޭނެ ސަރަޙައްދުތަކާއި، ވަކި ވަގުތަކަށް ވަކި ފީއެއް ދައްކައިގެން ޕާކު ކުރެވޭނެ ސަރަޙައްދުތައް ކަނޑައެޅިދާނެ ކަމަށެވެ.

އެހެންނަމަވެސް މަސްތަކާއި އަހަރުތަކަށް ދެމިގެންދާހެން ދިގު މުއްދަތަށް ޕާކިން ސްލޮޓް ކުއްޔަށް ދިނުމަކީ ޤާނޫނާއި ގަވާއިދު ހުއްދަކުރާކަމެއް ނޫންކަމަށް މިނިސްޓްރީއިން ބުނެއެވެ. ގާނޫނާއި ގަވާއިދުތަކުގައި ބަޔާންކޮށްފައިވާ ފަދައިން ހިލޭ ޕާކިން ސަރަޙައްދުތަކާއި އަދި ފީ ނަގައިގެން ޕާކިން ސަރަޙައްދުތައް ކަނޑައެޅުމުގެ އިންތިޒާމް ހަމަޖެއްސުމަށްޓަކައި ޕާކިން ސްލޮޓްތައް ދޫކުރާނެ އުސޫލަކާއި، ޕާކިން ސްލޮޓްތައް ޤާއިމްކުރާ ތަންތަނުގެ ލޭންޑް ޔޫޒް ޕްލޭނެއް ތައްޔާރުކޮށް މި މިނިސްޓްރީއަށް ހުށަހަޅާ ފާސްކުރުމަށްފަހު އެކަން ގަވާއިދުގެ ތެރެއިން މާލެ ސިޓީ ކައުންސިލަށް ކުރުމުގެ ޖާގަ އެބައޮތްކަން މިނިސްޓްރީއިން ފާހަގަކުރެއެވެ.

މިހާތަނަށް އައިއިރު މާލެ ސިޓީ ކައުންސިލުން މިނިސްޓްރީއަށް ބޭނުންވާ ލޭންޑް ޔޫޒް ޕްލޭން އަދި ޕާކިން ސްލޮޓްތައް ދޫކުރާނެ އުސޫލު ހުށަހަޅާފައި ނުވާކަމަށް މިނިސްޓްރީގެ ބަޔާނުގައިވެއެވެ .އަދި، އެފަދަ ހުއްދަޔަކަށް މިހާތަނަށް އައި އިރު އެދިފައިވެސް ނުވާއިރު މިނިސްޓްރީގެ ފަރާތުން ބޭނުންވާ ހުއްދަޔާ ނުލާ މާލެ ސިޓީ ކައުންސިލުން އަމިއްލަ ފަރާތްތަކަށް އަމާޒުކޮށްގެން ދިގު މުއްދަތަށް ޕާކިން ސްލޮޓްތައް ނުވިއްކޭނެކަމަށް މިނިސްޓްރީއިން ވަނީ ބުނެފައެވެ.

މިކަމާއި ގުޅިގެން ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)އިން ވަނީ ސިޓީ ކައުންސިލުން މިކަމުގައި ކުރިއަށްގެންދާ މުއާމަލާތްތައް ބަލައި މޮނިޓަރ ކުރަން ބޭނުންވާކަމަށް ބުނެފައެވެ. މިކަމާއި ގުޅިގެން ޝަކުވާތައް ލިބެމުންދާކަމަށާއި މިކަން ހިނގަމުންދަނީ ކިހިނެއްކަން ބަލަން ބޭނުންވާކަން ފާހަގަކޮށް އެލްޖީއޭއިން ވަކިގޮތެއް އަންގަންދެން އެކަން މަޑުޖައްސާލުމަށް އެލްޖީއޭއިން ވަނީ ސިޓީ ކައުންސިލަށް އަންގާފައެވެ.

މާލެ ސިޓީ ކައުންސިލުން ވަނީ ޕާކިން ސްލޮޓްތައް ވިއްކަން ނިންމުމުގެ ސަބަބުން މާލޭގައި އިންތިހާއަށް ބޮޑުވެފައިވާ ޕާކިންގެ މައްސަލަތަކަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބިގެންދާނެކަމަށެވެ. ޕާކިން ސްލޮޓްތަކުގެ 25 އިންސައްތަ ހާއްސަ ކުރާނީ ޓެކްސީތަކަށް ކަމަށަށް ކައުންސިލުން މައުލޫމާތު ދެއެވެ. އެއީ 250 ސްލޮޓްކަމަށާއި އެ ސްލޮޓްތައް ކުރަހާނީ 20 ފޫޓަށް ވުރެ ފުޅާ މަގުތަކުގެ ތެރެއިން ސައިކަލު ޒޯނަކަށް ނާރާގޮތަށް ޓްރެފިކަށް ބާރު ބޮޑުނުވާ ތަންތަނުގައި ކަމަށް ކައުންސިލުން ބުންޏެވެ. މީގެ ތެރޭގައި ކާނިވާ ސަރަހައްދު ވެސް ހިމެނެ އެވެ. އޭގެ އިތުރުން އެފަދަ ތަނެއްގައި އެއްވެސް ސަބަބަކާއިހުރެ (ޑެވެލޮޕްމަންޓް މަޝްރޫއެއްފަދަ) ސްލޮޓްގެ ލޮކޭޝަން ބަދަލު ކުރަން ޖެހިއްޖެނަމަ އެކަން ހަމަޖެހޭނެކަމަށް ވެސް އެކައުންސިލުން ހާމަކޮށްފައިވެއެވެ.

މާލޭގެ 10 ސަރަހައްދަކުން ޖުމުލަ 211 ޖާގައަށް ކުރިމަތިލުމަށް މިދިޔަ ޖުލައި މަހު މާލޭ ސިޓީ ކައުންސިލުން ހުޅުވާލި ފުރުސަތުގައި ޖުމުލަ 965 މީހަކު ޕާކިން ސްލޮޓަށް ކުރިމަތިލައިފައިވެއެވެ. ޕާކިން ސްލޮޓުތަކަށް މީހުން ހޮވުމަށް މާލޭ ސިޓީ ކައުންސިލުން ގުރުއަތުލާފައިވަނީ ހުސްވި ޑިސެމްބަރު މަހުގެ ތެރޭގައެވެ. އެކަމުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންކަން ހުރިކަން ފާހަގަކޮށް ގުރުލުމުގެ މައްސަލަ ވަނީ އޭސީސީއަށް ފޮނުވާފައެވެ. އެހެންނަމަވެސް މާލެ ސިޓީގެ މޭޔަރު ޑރ މުހައްމަދު މުއިއްޒު ވަނީ އެކަމުގައި ވަނީ އިދާރީ މައްސަލަތަކެއްކަން ފާހަގަކޮށް އެކަން އިސްލާހުކޮށް އަލުން ގުރުއަތުނަގާނެކަން އިއުލާންކުރައްވާފައެވެ.