ރާއްޖޭގައި ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުނު މައްސަލައާ ގުޅިގެން މިހާތަނަށް ހައްޔަރުކޮށްފައި ވަނީ ހަ މީހުން ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 20 އަހަރުގެ މީހަކާއި 21 އަހަރުގެ މީހަކާއި 29 އަހަރުގެ މީހަކާއި 18 އަހަރުގެ މީހަކާއި 34 އަހަރުގެ މީހަކާއި 31 އަހަރުގެ މީހެއް ކަމަށެވެ. އެ އެންމެންނަކީ ވެސް ދިވެހީންނެވެ.

ރާއްޖޭގައި ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުނު މައްސަލައިގެ މައުލޫމާތު ފުލުހުން ހާމަކުރީ މިދިޔަ ބުދަ ދުވަހުގެ ރެ އެވެ. އެ މައްސަލައާ ގުޅިގެން މާލެ އާއި ތ. ތިމަރަފުށީގެ ބައެއްގެ ވަނީ ބަލައި ފާސްކޮށްފައެވެ.

ތުހުމަތު ކުރެވޭ މީހުން ހައްޔަރުކޮށްފައި ވަނީ މާލެ އާއި ތިމަރަފުށިންނެވެ.

އެ މައްސަލާގައި ހައްޔަރުކުރި މީހުންގެ ތެރެއިން 18 އަހަރުގެ މީހާގެ ބަންދަށް ފަސް ދުވަސް އަދި ބާކީ އެންމެންގެ ބަންދަށް 15 ދުވަސް ކްރިމިނަލް ކޯޓުން ދީފައިވާ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

އެ މައްސަލަ ތަހުގީގު ކުރަމުން ދަނީ ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް ޑިޕާޓްމަންޓުންނެވެ.