ފޯޅަވައްސާ ދިމާއިން ކަނޑުގެ ސަރަހައްދު ފާހަގަ ކުރުމާ ބެހޭ ދިރާސާއަށް މޮރިޝަސްގެ ބޯޓެއް ރާއްޖެއައުމަށް މިސްރާބު ޖަހައިފިއެވެ. ބުލޫޑެ ނިމް ބޯޓު ރާއްޖެއާ ކައިރި ސަރަހައްދަށް މާދަމާ، 12 ފެބްރުއަރީގައި ވަންނާނެ ކަމަށް އެބޯޓުގެ މެރިން ޓްރެފިކުން ދައްކައެވެ.

މިއީ ރާއްޖެއާ ފޯޅަވައްސާ ދެމެދުގެ ކަނޑުގެ ސަރަހައްދުގެ ބައުންޑްރީ ކަނޑައެޅުމާ ބެހޭ ދިރާސާތަކަށް ކުރާ ދަތުރެކެވެ. މި ބޯޓުގައި މޮރިޝަސްގެ މަސްއޫލުވެރިންނާއި ގާނޫނީ ވަކީލުންނާއި މެރިން ސައިންޓިސްޓުންނާއި ފޯޅަވަހީގައި ކުރިން ދިރިއުޅެފައިވާ މީހުން ދަތުރު ކުރަމުން ދެއެވެ.

މި ދަތުރުގައި އިސް މަސްއޫލުވެރިއަކަށް ހުންނެވީ މޮރިޝިއަސްއިން އދއަށް ކަނޑައަޅާފައިވާ ދާއިމީ މަންދޫބު ޖަގްދިޝް ކުންޖޫލެވެ.

ރާއްޖެއާއި މޮރިޝަސްއާ ދެމެދު ކަނޑުގެ ސަރަހައްދާ މެދު ހިނގަމުންދާ މައްސަލައެއް އިންޓަރނޭޝަނަލް ޓްރައިބިއުނަލް ފޮރ ދަ ލޯ އޮފް ދަ ސީގައި ކުރިއަށް ދެއެވެ. މިމައްސަލައަކީ އައްޑު އަތޮޅާއި ޑިއޭގޯ ގާސިއާ އާ ދެމެދު އޮންނަ ކަނޑުގެ ސަރަހައްދުގެ އިން ވަކި ކުރުމުގެ މައްސަލައެވެ.

އެމެރިކާގެ އަސްކަރީ މަރުކަޒެއް ހިންގާ ފޯޅަވައްސަކީ އައްޑު އަތޮޅާ ގާތްގަނޑަކަށް 310 ނޯޓިކަލް މޭލު ދުރުގައި އޮންނަ އަތޮޅެކެވެ.

މޮރިޝަސްގެ ބޮޑުވަޒީރު ޕްރަވިންދު ޖުގްނޫތު ވިދާޅުވިގޮތުގައި މި ދަތުރާ ބެހޭ ގޮތުން އިނގިރޭސިވިލާތަށާއި އެމެރިކާއަށް މައުލޫމާތަށްޓަކައި އެންގިފައި ވާނެއެވެ.

މި ބޯޓުގައި ދަތުރުކުރުގައި ފޯޅަވަހީގައި ކުރީން ދިރިއުޅުނު މީހުންގެ އައުލާދުގެ ފަސް މީހުންގެ ބޭނުމަކީ އެމީހުންގެ އާއިލާތަކުން ފޯޅަވަހީގައި މަސްވެރިކަން ކުރަން އުޅުނު ސަރަހައްދާ ބެހޭ މައުލޫމާތު ދިނުމެވެ. ފޯޅަވަހީން ބޭރުކޮށްފައިވާ މީހުން ހަދާފައިވާ "ރެފިއުޖީ ގްރޫޕު"ން ވަނީ މި ފަސްމީހުން މި ބޯޓުގައި ގެންދާތީވެ އެކަމަށް މަރުހަބާ ކިޔާފައެވެ.

ޖުގްނޫތު ވިދާޅުވީ މި ދަތުރަށް އެންމެ ފަސޭހަވީހީ އައްޑޫން ފުރައިގެން އެމީހުންގެ މަންޒިލަށް ދެވުނު ނަމައެވެ. ނަމަވެސް ރާއްޖެއިން މޮރިޝަސްއާ ދެކޮޅަށް ދައުވާކުރާތީ އެކަމާ ހިތްހަމަ ނުޖެހިގެން އައްޑޫން ދަތުރު ފަށާފައި ނުވަނީކަމުގައި އޭނާ ވިދާޅުވިއެވެ.

މި ބޯޓުގެ މަންޒިލަކީ ބްލެއިންހެމް ރީފްއެވެ. މިއީ އައްޑޫގެ ދެކުނުން އޮންނަ ރާއްޖޭގެ ސަރަހައްދާއި ފޯޅަވައްސާ ދެމެދު އޮންނަ ތަނެކެވެ.

ފޯޅަވަހީގެ މައްސަލާގައި މޮރިޝަސްއަށް އެ އަތޮޅުގައި ހައްގެއް އޮތްކަމަކަށް ރާއްޖެއިން ބަލައެއް ނުގަނެއެވެ. މޮރިޝަސްއިން އދގައި، 2017 ވަނަ އަހަރު އަދި އޭގެ ފަހުން 2019 ވަނަ އަހަރު ފޯޅަވައްސާ މެދު ކުރި ދަޢުވާތަކާ ދެކޮޅަށް ވޯޓުދިން 6 ޤައުމުގެ ތެރޭގައި ވެސް ރާއްޖެ ހިމެނެއެވެ.

މޮރިޝަސްއިން ކުރިއަށް ގެންދާ ސައިންޓިފިކް ސާވޭގެ ހޯދުންތަކަކީ ރާއްޖެއާ ދެކޮޅަށް ޓްރައިބިއުނަލްގައި ބޭނުން ކުރުމަށް މޮރިޝަސްއިން ކުރާ ސާވޭއެކެވެ. މޮރިޝަސްއިން މި ސާވޭ ޓްރައިބިއުނަލްއަށް ހުށަހަޅާނީ 14 އޭޕްރީލް 2022 ގެ ކުރިންނެއެވެ.