އެމެރިކާ ސިއްރު ފުލުހުންގެ އެތައްބަޔަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެން މަސައްކަތުން އެކަހެރި ކޮށްފިއެވެ.

ވޮޝިންޓަން ޕޯސްޓުން ބުނެފައިވަނީ، ކޮވިޑަށް ޕޮޒިޓިވް ވެފައިވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ހިމާޔަތުގައި މަސައްކަތް ކުރަމުންދާ ސިއްރު ފުލުހުންގެ ތެރެއިން 130 އަށް ގިނަމީހުން ކަމަށެވެ.

ކޮވިޑްބަލި ވައިޓްހައުސް ތެރޭގައި ވަރަށް ބާރަށް ފެތުރެމުންދާ ކަމަށް ވެއެވެ.

ވައިޓްހައުސްގެ އެތައް ސްޓާފުންނާއި، ކެބިނެޓް ބޭފުޅުންނާއި، ސަރުކާރުގެ އިސްވެރިންންނާއި، ރައީސް ޓްރަމްޕްގް އިސް މުޝީރުން ފެށިގެން، ކެމްޕެއިން އެހީތެރިންވެސް ކޮވިޑަށް މީގެކުރިން ޕޮޒިޓިވްވެފައި ވެއެވެ.

ފަސްޓްލޭޑީ މެލާނިއާއާއި، ޓްރަމްޕްގެ ހަގު ފިރިހެން ދަރިކަލުންއާއި، އިސް އެހީތެރިޔާ ހޯޕް ހިކްސްއާއި، ގައުމީ ސަލާމަތާބެހޭ މުޝީރު ރޮބަޓް އޯބްރަޔަންއާއި، ވައިޓްހައުސްގެ ޕްރެސް ސެކްރެޓަރީ ކޭލީ މެކްއިނާނީވެސް ކުރިން ޕޮޒިޓިވް ވެފައި ވެއެވެ.

ރައީސް ޓްރަމްޕްގެ ސަލާމަތީ ފިޔަވަޅުތައް ބަލަހައްޓާ އެތައް ފުލުހުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެކަން ވޮޝިންޓަން ޕޯސްޓުން ހާމަކޮށްފައިވަނީ އެތެރޭގެ މަސްދަރަކާ ހަވާލާދީއެވެ.

އެހެންނަމަވެސް، ކަރަންޓީނަށް ފޮނުވާލި އެންމެންނަކީ ޕޮޒިޓިވްވެގެން ފޮނުވާލި ބައެއް ނޫން ކަމަށާއި، ބަޔަކު ޕޮޒިޓިވްވުމުން އެމީހުންނާއެކު މަސައްކަތްކުރި އެންމެން ކަރަންޓީނު ކުރީ ކަމަށްވ ނޫހުން ބުނެފައި ވެއެވެ.

ޕޮޒިޓިވް ކޭސްތަކެއް ފެނިގެން ކަރަންޓީނަށް ފޮނުވާލީ، ޓްރަމްޕްގެ ސަލާމަތީ ކަންތައްތައް ބަލަހައްޓާ ފުލުހުންގެ ޓީމުގެ %10 ކަމަށްވެސް ބުނެފައި ވެއެވެ.

ވޮޝިންޓަން ޕޯސްޓުން ބުނެފައިވަނީ، ކޮވިޑަށް ޕޮޒިޓިވްވި ސިއްރު ފުލުހުންގެ ބައެއް މީހުންނަކީ ރިޔާސީ އިންތިޚާބުގެ ކެމްޕެއިނަށް ޓްރަމްޕް ބޭއްވި ސިލްސިލާ އެއްވުންތަކަށް ޓްރަމްޕާއެކު ދިޔަމީހުން ކަމަށެވެ.

ކެމްޕެއިންގައި އުޅުއްވަނިކޮށް ރައީސް ޓްރަމްޕްވެސް ކޮވިޑަށް ޕޮޒިޓިވްވެ، އަސްކަރީ ހޮސްޕިޓަލެއްގައި އެޑްމިޓްކޮށް ފަރުވާދީފައި ވެއެވެ.

އެމެރިކާގެ ރައީސްގެ ސަލާމަތީ ކަންކަން ބަލަހައްޓާ ސިއްރު ފުލުހުންގެ ބަޔަކު ވައިޓްހައުސް ތެރެއިން ކޮވިޑަށް ޕޮޒިޓިވްވި ރިޕޯޓް މިހާމަވީ، މުޅި އެމެރިކާގައި ބަލީގެ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ވަގުތެއްގައެވެ.

އެމެރިކާގައި ކޮވިޑްބަލީގެ ހާލަތު އިތުރަށް ގޯސްވެ، ދުވާލެއްގެ މައްޗަށް އެތައްސަތޭކަ މީހުން މަރުވެ، އެތައްހާސް ބަޔަކަށް އަލަށް ބަލި ޖެހެމުންދާއިރުވެސް ރައީސް ޓްރަމްޕް އެކަމާ އެއްވެސް ފިޔަވަޅެއް ނާޅުއްވައި ހަނު ހުންނަވާތީ އެތައްބައެއްގެ ނުރުހުމާއި ފާޑުކިއުން ޓްރަމްޕަށް އަމާޒުވަމުން އެބަދެއެވެ.

ބަލީގެ ހާލަތާ ގުޅިގެން އެއްވެސް ފިޔަވަޅެއް ނާޅުއްވައި، ޓްރަމްޕްގެ ހުރިހާ ވަގުތެއް މިހާރު ހުސްކުރައްވައިގެން ހުންނެވީ ވެރިކަމުގެ ދެވަނަ ދައުރެއް ކަށަވަރުވާނެ ގޮތެއް ހޯއްދެވުމުގައެވެ.