ބޭންކް އޮފް މޯލްޑިވްސް އިން މުޖުތަމައަށް ފޯރުކޮށްދޭ އެހީތެރިކަމުގެދަށުން އދ. ދިގުރަށުގައި ސެލްފް ސަރވިސް ބޭންކިންގ ސެންޓަރެއް ހުޅުވައި ހިދުމަތް ދޭން ފަށައިފިއެވެ.

މި ހިދުމަތް މެދުވެރިކޮށް އަމިއްލަ ފަރާތްތަކާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ޖަމާ ކުރުމާއި، ފައިސާ ދެއްކުމާއި ޓްރާންސްފާ ކުރުމުގެ ހިދުމަތް ލިބޭނެ ކަމަށް އެ ބޭންކުން ބުނެއެވެ.

ކަސްޓަމަރުންނަށް އަމިއްލަ ރަށުގައި ތިބެ ފަސޭހަކަމާއެކު ފައިސާގެ މުއާމަލާތްކުރުމާއި ކޮންމެ ވަގުތަކު ފަސޭހަކަމާއެކު ބޭންކިންގ ހިދުމަތް ހޯދުމުގެ ފުރުސަތު އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް ފަހިކުރުމަށް މެދު ކެނޑުމެއްނެތި މަސައްކަތްކުރަމުން އަންނަ ކަމަށް އެ ބޭންކުން ބުނެއެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 38 ބްރާންޗް، 62 ސެލްފް ސަރވިސް ބޭންކިންގ ސެންޓަރ، 125 އޭޓީއެމް، 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް ބީއެމްއެލްއިން ބުންޏެވެ.