ދިވެހިން ޔޫކްރެއިނަށް ދަތުރު ނުކުރުމަށް ސަރުކާރުން އިލްތިމާސްކޮށްފިއެވެ.
ފޮރިން މިނިސްޓްރީން ބުނީ ޔޫކްރޭނުގެ މަޝްރަޙު ހޫނުވެ، ހަނގުރާމައެއް ފެށިދާނެކަމުގެ ބިރުވެރިކަން އުފެދިފައިވާ މި ދަނޑިވަޅުގައި، ޔޫކްރެއިންގައި މިވަގުތު ތިބި ދިވެހިންގެ ހާލަތު މިނިސްޓްރީން ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ.
ޔޫކްރެއިންގައި މިވަގުތު 50 އަކަށް ދިވެހިން ތިބިކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ. ޔޫކްރެއިންއާއި ޖެހިގެން އޮންނަ ބެލަރޫސްގައިވެސް ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅެމުންދެއެވެ. ޔޫކްރެއިން އަދި ބެލަރޫސްގައިވެސް ގިނައީ ދިވެހި ކިޔަވާ ކުދިންނެވެ.
ޔޫކްރެއިންގެ މަޝްރަހު ގޯސްވެފައިވާ މި ދަނޑިވަޅުގައި، ދިވެހިން އެ ޤައުމަށް ދަތުރު ނުކުރުމަށް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ޔޫކްރެއިންގައި މި ވަގުތު ދިރިއުޅެމުންދާ ދިވެހި ރައްޔިތުން އެޤައުމުގެ ސަރުކާރުގެ ނިންމުންތަކާއި އެންގުންތަކަށް ވަރަށް ބޮޑަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުއްވުމަށް ވެސް ވަނީ އިލްތިމާސްކޮށްފައެވެ.
ފޮރިން މިނިސްޓްރީން ވަނީ ޔޫކްރެއިންގައި މިވަގުތު ތިބި ދިވެހިން، މި މިނިސްޓްރީ އާއި، އެ ޤައުމާ އެންމެ ކައިރީގައި ހުރި ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންކަމަށްވާ ޖަރުމަނުވިލާތުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގައި ރެޖިސްޓަރ ކުރުމަށްވެސް އިލްތިމާސްކޮށްފައެވެ.