ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް އެމްޑީޕީގެ ޕީޖީ ގުރޫޕްގެ އިންތިހާބުގެ ވޯޓުލުން ފަށައިފިއެވެ.
އެމްޑީޕީން ބުނީ އެ ޕާޓީގެ ޕާލިމެންޓަރީ ގްރޫޕް އިންތިޚާބުގެ ވޯޓުލުން އެމްޑީޕީ ސެކްރެޓޭރިއެޓް ފުރަތަމަ ފަންގިފިލާގައި ފެށިގެން ކުރިއަށް ދާ ކަމަށެވެ.
ޕީޖީ ގުރޫޕްގެ ލީޑަރު ކަމަށް ކުރިމަތިލައްވާފައިވަނީ މިހާރު ވެސް ލީޑަރަކަށް ހުންނެވި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމާއި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް އެވެ.
ނައިބް ލީޑަރުންގެ މަގާމަށް ކުރިމަތިލައްވާފައިވަނީ މިހާރު ވެސް އެ މަގާމުގައި ތިއްބެވި ދެ ބޭފުޅުން ކަމަށްވާ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) އާއި ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބްގެ އިތުރުން އަލިފުށި ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) އެވެ.
ބިގޭ މިވަގުތު ހުންނެވީ ޕީޖީ ގުރޫޕްގެ ސެކްރެޓަރީ ޖެނަރަލްގެ މަގާމުގަ އެވެ. މާދަމާ ބާއްވާ އިންތިހާބުގައި އެމްޑީޕީގެ ޕީޖީގެ ސެކްރެޓަރީ ޖެނަރަލްގެ މަގާމަށް ކުރިމަތިލައްވާފައިވަނީ ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ދީދީ އެވެ.