މާލޭގައި ދުއްވާ ވެހިކަލްތައް ޕާކުކުރުމަށް މާލެ ސިޓީ ކައުންސިލުން ޤާއިމުކުރި ޕާކިންގ ސްލޮޓަށް ހުޅުވާލުމުން ގަޑިއެއްހާއިރު ތެރޭ ވެސް ހާހެއްހާ އެޕްލިކޭޝަން ލިބުނު ކަމަށް މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހި ޗެނަލްގެ “ހަވާސާ” ޕްރޮގްރާމުގައި ރޭ ބައިވެރިވެވަޑައިގެން ދެންނެވުނު ސުވާލަކަށް ދެއްވި ޖަވާބުގައެވެ.
މޭޔަރު ވިދާޅުވީ ވެހިކަލްތައް ޕާކުކުރާނެ ޖާގަ ނެތުމަކީ މާލެއަށް ދިމާވެފައިވާ އެންމެ ބޮޑެތި މައްސަލަތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ. މިއީ މިއަދަކު ދިމާވެގެން އުޅޭ މައްސަލައެއް ނޫން ކަމަށާއި އެތައް އަހަރެއް ވީނަމަވެސް ސަރުކާރުތަކަށް ޙައްލުނުކުރެވި އޮތް ކަމެއް ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ މާލޭގެ އިތުރުން ހުޅުމާލޭގައި ވެސް މިއަދު ވެހިކަލްތައް ވަރަށް ގިނަ ކަމަށެވެ. އެހެންކަމުން ޕާކުކުރާނެ ޖާގަ ނެތުމަކީ ވަރަށް ފުޅާ މައުޟޫޢެއް ކަމަށާއި އެންމެ ކަމެއް ޙައްލުކޮށްގެން މުޅި މައްސަލަ ޙައްލުވާވަރަށްވުރެ މާބޮޑު މައްސަލައެއް ކަމަށެވެ. ވެހިކަލްތަކުގެ ޢަދަދު ވެސް ކަނޑައެޅިދާނެ ކަމަށާއި އެކަމުން އެކަނި ވެސް މައްސަލަ ޙައްލު ނުވާނެ ކަމަށް ވިދާޅުވިއެވެ.
”އަޅުގަނޑުމެންނަށް އެބަފެނޭ މި ސްޓޫޑިއޯ ވަރު ތަންކޮޅުގައި ތިރީސް، ފަންސާސް ވެހިކަލް ރަޖިސްޓަރީ ކޮށްފައި. ކޮންމެވެސް ކަހަލަ ނޭދެވޭ ޢަމަލުތަކެއް ސަރުކާރުގެ ކޮންމެވެސް ހިސާބަކުން ހިނގައިގެން ނޫނީ ނުވާނެ ކަމެއް. މިހެން ގޮސް ވަރަށް ބައިވަރު މައްސަލަތައް އެކުލެވޭ ކަމެއް މިއީ.” މުއިއްޒު ވިދާޅުވިއެވެ.
މޭޔަރު ވިދާޅުވީ މި ސަރުކާރު ވެރިކަމަށް އައީ ޕާކުކުރާނެ ޖާގަ ނުދައްކާ ޖޫރިމަނާ ނުކުރާނެ ކަމަށް ވަޢުދުވެގެން ނަމަވެސް ޖޫރިމަނާ ވެސް ކުރަމުންދާ ކަމަށެވެ. އަދި ގަރާޖެއް ނެތްނަމަ ވެހިކަލްތައް ރަޖިސްޓަރީ ނުކުރާނެ ކަމަށް ބުނެ ވެސް އެތައް ވާހަކައެއް ދެއްކި ނަމަވެސް އެކަންވެސް ހިނގަނީ އެހެން ނޫން ކަމަށެވެ. އެހެންކަމުން ސިޓީ ކައުންސިލުން މަސައްކަތް ކުރަމުންދަނީ ޕާކިންގެ މައްސަލައަށް ވަގުތީ ޙައްލެއް ނަމަވެސް ރައްޔިތުންނަށް ހޯދައިދެވޭތޯ ކަމަށެވެ.
ވަގުތީ ޙައްލަކަށް މަސައްކަތް ކުރި ނަމަވެސް އެއާ އެކުއެކީގައި މެދުރާސްތާގެ ޕްލޭނަކަށް ވެސް މަސައްކަތް ފަށަންޖެހޭކަން މޭޔަރު ފާހަގަކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ މާލޭގެ އެކި ސަރަޙައްދުތަކުގައި ޕާކިންގ އިމާރާތްތަކެއް އެޅުމަށް ސްޓްރެޓެޖިކް އެކްޝަން ޕްލޭނުގައި ފާހަގަކޮށްފައިވާނެ ކަމަށެވެ. އެގޮތުން ފަސް ސަރަޙައްދެއްގައި ޕާކިންގ އިމާރާތް އެޅުމަށް ހުޅުވާލުމަށް ކައުންސިލުން މިހާރު ވަނީ ފާސްކޮށްފައި ކަމަށާއި އިންވެސްޓަރުންނަށް ބޭނުންވާ ލިޔެކިޔުންތައް ތައްޔާރުކުރަމުންދާ ކަމަށެވެ.