ޕާކިސްތާނުގައި ޓެރަރިޒަމްގެ އަމަލުތައް ހިންގުމާއި، ޓެރަރިސްޓު ހަމަލާތައް ދިނުމަށް އިންޑިއާއިން މަސައްކަތްކުރާ ކަމުގެ ފުރިހަމަ ހެކި އެއްކުރެވިފައިވާ ކަމަށް ޕާކިސްތާނުން ހާމަކޮށްފިއެވެ.
އިންޑިއާއިން ޕާކިސްތާނާ ދެކޮޅަށް ޓެރަރިޒަމްގެ އަމަލުތައް ހިންގާކަމުގެ ހެކިހުރި ކަމަށް ޕާކިސްތާނުގެ އޮފިޝަލުން މީގެކުރިން ހާމަކޮށްފައިވަނީ ވަރަށް ނާދިރު ފަހަރެއްގައިކަން މީޑިއާއިން ފާހަގަކުރެއެވެ.
ޕާކިސްތާނުގެ ޚާރިޖީ ވަޒީރު ޝާހް މަހްމޫދު ގުރެއިޝީއާއި، އަސްކަރިއްޔާގެ ތަރުޖަމާނު މޭޖަރ ޖެނެރަލް ބާބަރް އިފްތިޚާރު، ވެރިރަށް އިސްލާމްއާބާދުގައި ބޭއްވި ގުޅިފައިވާ ނޫސްވެރިންގެ ބައްދަލުވުމައި މައުލޫމާތު ހިއްސާ ކުރައްވަމުން ޚާރިޖީ ވަޒީރު ގުރެއިޝީ ވިދާޅުވީ، އިންޑިއާއިން ރާވައިގެން ޕާކިސްތާނަށް ހަމަލާތައް ދެނީ ޕާކިސްތާނުގެ ހަމަޖެހުން ނަގާލުމުގެ ބޭނުމުގައި ކަމަށެވެ.
ހަމަ އެއާއެކު، ޗައިނާއާ ގުޅިގެން ޕާކިސްތާނުގައި ކުރިއަށްގެންދާ އިގްތިސާދީ މަސައްކަތްތައް ހުއްޓުވުންވެސް މިފަދަ ހަމަލާތަކުގެ އަމާޒަކަށް ހަދާފައިވާ ކަމަށް ގުރެއިޝީ ވިދާޅުވިއެވެ.
ސަރަހައްދީ އިމުން އިންޑިއާއާ ގުޅިފައިވާ ޕާކިސްތާނުގެ ތަންތަނަށް ޓެރަރިސްޓް ހަމަލާތައް ރޭވުމުގައި އިންޑިއާގެ ޖާސޫސީ އޭޖެންޓުން އިންޑިއާގެ އިތުރުން އަވަށްޓެރި ގައުމުތަކުގައިވެސް ހަރަކާތްތެރިވާ ކަމަށް ޕާކިސްތާނުގެ ޚާރިޖީ ވަޒީރާއި، އަސްކަރިއްޔާގެ ތަރުޖަމާނު ވިދާޅުވިއެވެ.
މިފަދަ ހަމަލާތަކާއި، ހަރަކާތްތަކުގެ މައުލޫމާތު ހިމެނޭ ޑޮސިއައެއް ޕާކިސްތާނުންވަނީ ތައްޔާރުކޮށްފައެވެ.
ޕާކިސްތާނުގެ ޚާރިޖީ ވަޒީރު ޝާހް މަހްމޫދު ގުރެއިޝީ ވިދާޅުވީ، އިންޑިއާއިން ޕާކިސްތާނާ ދެކޮޅަށް ޓެރަރިޒަމްގެ އަމަލުތައް ހިންގާކަމަށް އެއްކުރެވިފައިވާ ހެކިތައް ވަރަށް އަވަހަށް އދއަށް ހުށަހަޅާނެ ކަމަށެވެ. އަދި އިންޑިއާއާ ދެކޮޅަށް ފިޔަވަޅު އަޅައިދިނުމަށް އެދޭނޭ ކަމަށްވެސް ވިދާޅުވިއެވެ.
ގުރެއިޝީ ވިދާޅުވީ، އދއަށް ހުށަހެޅުމުގެ އިތުރުން، ޑޮސިއަރގައި ހިމެނޭ މައުލޫމާތުތައް ބައިނަލއަގްވާމީ މުޖުތަމައާވެސް ހިއްސާކުރައްވާނެ ކަމަށެވެ.
ބައިނަލްއަގްވާމީ މުޖުތަމައު މިކަމުގެ ތެރެއަށް ވަދެގެންނޫނީ، ދެކުނު އޭޝިޔާގައި ސުލްހަ ގާއިމް ނުކުރެވޭނޭ ކަމަށް ޕާކިސްތާނުގެ ޚާރިޖީ ވަޒީރު ވިދާޅުވިއެވެ.
އިންޑިއާއިން ރާވައިގެން ޕާކިސްތާނުގައި ޓެރަރިސްޓު ހަމަލާތައް ދޭކަމުގެ ހެކި އެބަހުރި ކަމަށް ޕާކިސްތާނުން މި ހާމަކުރީ، ދެގައުމުގެ ދެމެދުގައި ކަޝްމީރު ބައިކުރާ އިމުގައި އިއްޔެ ދެފަރާތުން ވަރުގަދަ ހަމަލާތަކެއް ބަދަލުކޮށްފައި ވަނިކޮށެވެ.