ސަރުކާރުން ޅ. ނައިފަރުގައި 100 ހައުސިންގ ޔުނިޓް ބިނާކުރެއްވި ނަމަވެސް އަދިވެސް ބޯހިޔާވަހިކަން ރަށުގެ ރައްޔިތުންނަށް ވަރަށްބޮޑަށް ބޭނުންވާކަމަށް އެރަށު ކައުންސިލުން ވިދާޅުވެއްޖެއެވެ.
ކައުންސިލުން މިހެން ވިދާޅުވީ ނައިފަރު މަދަރުސަތުލް އިފްތިތާޙްގައި ރައީސުލްޖުމްހޫރިއްޔާ، އިބްރާހީމް މުޙައްމަދު ޞާލިޙް އެރަށު ކައުންސިލާ ބައްދަލުކުރައްވައި ކުރެއްވި މަޝްވަރާތަކުގައެވެ.
މި ބައްދަލުކުރެއްވުމުގައި ނައިފަރު ކައުންސިލުން ވަނީ މީގެ އިތުރުން ވެސް ނައިފަރުގެ ތަރައްޤީއަށް އެންމެ މުހިންމު މަޝްރޫޢުތަކާއި ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ.
ކައުންސިލުން ވިދާޅުވީ އެރަށުގެ ހޮސްޕިޓަލުގެ ޚިދުމަތައް އިތުރުކޮށް ސްޕެޝަލިޓީ ޚިދުމަތްތައް ހުންނަން ރައްޔިތުން އެދޭކަމަށެވެ. އޭގެ އިތުރަށް މަގުހެދުމާއި ކުނި މެނޭޖްކުރުމުގައި ހުރި ދަތިތަކާއި ނައިފަރު މަދަރުސަތުލް އިފްތިތާޙަށް ކުރިމަތިވެފައިވާ ބައެއް ދަތިތަކާއި މަސްވެރިންނަށް އައިސްލިބުމުގައި ހުރި ދަތިތަކުގެ އިތުރުން ރަށުގެ އިޤްތިސާދީ އިޖްތިމާޢީ ތަރައްޤީއަށް މުހިންމުކަންތައްތައް ކައުންސިލުން ރައީސަށް ދެންނެވިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ސަރުކާރުން މިހާރު އަންނަނީ ސަރުކާރުން ރައްޔިތުނަށް ވީ ވަޢުދުތައް ފުއްދުމުގެ މަސައްކަތްކަތައްކުރަމުންކަމަށް ވިދާޅުވިއެވެ. އެ ވަޢުދުތައް ފުއްދަމުން ގެންދަވާނީ އެއްވެސް ރަށެއް ތަފާތުކުރުމެއްނެތިކަމަށް ރައީސް ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކޯވިޑްގެ ސަބަބުން ކުރިމަތިވި ދަތިތަކާހުރެ ބައެއް މަޝްރޫޢުތައް މަޑުޖެހުނު ނަމަވެސް މިހާރު ރާއްޖޭގެ އިޤްތިސާދީ ޙާލަތު ރަނގަޅުވަމުން އަންނާތީ އެކަންކަން ހުއްޓުމެއްނެތި ކުރިޔަށްދާކަމަށެވެ. މީގެ އިތުރުން ކައުންސިލުން ފާހަގަކުރެއްވި ކަންކަންމުގެ ތެރެއިން ގިނަ ކަންކަމަކީ މިހާރު ފެށިގެން ކުރިޔަށްދާ ނުވަތަ ފެށުމުގެ މަގުމަތީގައި ވާކަންތައްތައް ކަމުގައި ވިދާޅުވިއެވެ. އެގޮތުން ޞިއްޙީ ނިޒާމު ހަރުދަނާކޮށް ސްޕެޝަލިސްޓުން ހޯދުމަށް ކައިރި މުސްތަޤްބަލެއްގައި ޙައްލުތަކެއް ލިބިގެންދާނެކަމުގައި ވިދާޅުވިއެވެ. އަދި ނަރުދަމާގެ މަސައްކަތް ނިމުމުން މަގުހެދުމުގެ މަސައްކަތް ކުރެވޭނެކަމަށް ވެސް ވިދާޅުވިއެވެ. މީގެ އިތުރުންވެސް ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުގެ ކަމާގުޅޭ އިދާރާތަކާއި މަޝްވަރާކުރައްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މި ބައްދަލުކުރެއްވުމަށް ފަހު އެމަނިކުފާނު ވަނީ މަދަރުސަތުލް އިފްތިތާޙްގައި އަލަށް އިމާރާތްކުރި 10 ކްލާސްރޫމާއި އޭވީ ރޫމްއާއި ސްޓާފްރޫމް ހިމެނޭ އިމާރާތް ރަސްމީގޮތުން ހުޅުވައިދެއްވާފައެވެ.އަދި އޭގެ ފަހުން އެމަނިކުފާނު ވަނީ ޅ އަތޮޅު ހޮސްޕިޓަލަށް ޒިޔާރަތް ކުރައްވައި ހޮސްޕިޓަލުގެ ޙާލަތު ބައްލަވާލައްވާފައެވެ.