މިސްރުން މިއަހަރުގެ ތެރޭގައި ފެނުނު 100 އަށްވުރެ ގިނަ ސަންދޯއްތައް އާންމުންނަށް ދައްކާލައިފިއެވެ.

މިއީ، 25،000 އަހަރުވީ ސަންދޯއްތަކެކެވެ.

މިއީ، މިސްރުން އެންމެފަހުން ފެނުނު އަދި އެއްތަނަކުން ފެނުނު އެންމެ ގިނަ ސަންދޯއްތަކެވެ.

މި ސަންދޯއްތައް ފެނިފައިވަނީ މިސްރުގެ ސައްޤަރަ ނިކްރޫޕޮލިސްއިން މި އަހަރުގެ ތެރޭގައެވެ.

މިސްރުގެ ސުޕްރީމް ކައުންސިލް އޮފް އެންޓިކުއިޓީސްގެ ސެކްރެޓަރީ ޖެނެރަލް މުސްތަފާ ވަޒީރީ ވިދާޅުވީ، މިއީ މިސްރުގެ ހަވަނަ ރަސްކަމުގެ އާއިލީ ގަބުރުސްތާނުން ފެނުނު ސަންދޯއްތަކެއް ކަމަށެވެ.

ސަންދޯއްތައް ހުރީ ވަރަށް ވަރުގަދައަށް ބަންދުކޮށް، ސަންދޯއްތަކުގެ ބޭރުގައި ކުރެހުންތައް ކުރަހައި ވަރަށް ބޮޑަށް ޒީނަތްތެރި ކޮށްފައެވެ. އަދި ސަންދޯއްތަކުގެ ތެރެއިން ފެނުނު އިންސާނުންގެ ހަށިތައްވެސް ހުރީ ހަލާކު ނުވާނޭހެން ހަދައި، ވަރަށް ރަނގަޅަށް ބަންދުކޮށްފައި ކަމަށް މުސްތަފާ ވިދާޅުވިއެވެ.

މީގެކުރިން އެހިސާބުން ފެނުނު ސަންދޯއްތަކަށް ވުރެންވެސް މިފަހަރުގެ ފެނުނު ސަންދޯއްތަކުގައި ހަށިގަނޑު ހަލާކުނުވާގޮތް ހަދާފައިވަނީ މާ ފުރިހަމަކޮށް ކަމަށް އޭނާ ވިދާޅުވިއެވެ.

މި ސަންދޯއްތައް ފެނިފައިވަނީ ޔުނެސްކޯއިން ދުނިޔޭގެ ތަރިކައިގެ ސަރަހައްދެއްގެ ގޮތުގައި ކަނޑައަޅައި ހިމާޔަތްކޮށްފައިވާ ސަރަހައްދަކުންނެވެ.

އެގޮތުން، މިދިޔަ އޮގަސްޓްމަހުގެ ތެރޭގައި އެ ސަރަހައްދުން 59 ސަންދޯއް ފެނިފައި ވާއިރު، އޭގެކުރިންވެސް ވަނީ ސަންދޯއްތަކެއް ފެނިފައެވެ.

އެ ސަރަހައްދުން ތާރީޚީ އަގުބޮޑު އިތުރު އެތައް އެއްޗެއް އަދި ފެންނާނެ ކަމަށް އުންމީދު ކުރެވޭ ކަމަށް ސުޕްރީމް ކައުންސިލް އޮފް އެންޓިކުއިޓީސްގެ ސެކްރެޓަރީ ޖެނެރަލް މުސްތަފާ ވަޒީރީ ވިދާޅުވިއެވެ.

އަލަށް ފެނުނު ސަންދޯއްތަކާއި، އެއާ ގުޅިފައިވާ މަމީސްއާއި، އަދި އާރްޓްއިފެކްޓްސް، މިސްރުގެ އެންމެބޮޑު ދާރުލް އާޘާރަށްލައި އާންމުކޮށް ދައްކާލަން ބަހައްޓަން މިސްރު ސަރުކާރުންވަނީ ނިންމާފައެވެ.

ކޮވިޑާ ގުޅިގެން ދާރުލް އާޘާރު މިވަގުތު ބަންދުކޮށްފައި ހުރިނަމަވެސް، އަންނަ އަހަރުގެ ތެރޭގައި ދާރުލް އާޘާރު އަލުން ހުވަން މިސްރުން އުންމީދު ކުރެއެވެ.