މިއުޒިޝަންސް ޔޫނިއަން އޮފް މޯލްޑިވްސް އާއި ދިވެހި އިންޝުއަރެންސް ކޮމްޕެނީ ގުޅިގެން ޔޫނިއަންގެ މެމްބަރުންނަށް އިންޝުއަރެންސް ޕޮލިސީއެއް ތައާރަފް ކޮށްފިއެވެ.
މި އިންޝުއަރެންސް ޕޮލިސީއަކީ ދިވެހި އިންޝުއަރެންސްގެ ފަރާތުން ޔޫނިއަންގެ މެންބަރުންއަށް ވަކިން ޙާއްސަކުރެވިގެން ފަރުމާކުރެވިފައިވާ ޕޮލިސީއެކެވެ. މިޕޮލިސީގެ ދަށުން ހިމެނެނީ:
1. މިއުޒިކް ކުޅޭ ސާމާނާއި ފޮޓޯ/ވިޑިއޯގްރަފީ ސާމާނަށް ލިބޭ ކަވަރޭޖް:
· ގުދުރަތީގޮތުން ލިބޭ ގެއްލުމާއި، ވަގަށް ނެގުމުން ލިބޭގެއްލުމާއި، އަލިފާނުގެ ސަބަބުން ލިބޭ ގެއްލުން.
· ތަކެތި އެއްތަނުން އަނެއްތަނަށް އުފުލުމުގައި ލިބޭ ގެއްލުން.
2. މެންބަރުންނަށް އެކްސިޑެންޓަކުން ލިބިދޭ ޒަހަމްތަކާއި އަދި ނިޔާވުމާއިގުޅިގެން ލިބޭ ކަވަރޭޖް.
3. ތިންވަނަ ފަރާތެއްގެ އިހުމާލުން ލިބޭ ގެއްލުންތަކާއި ގުޅޭ ކަވަރޭޖް.
މި އިންޝުއަރެންސް ޕޮލިސީ ބައްލަވައިގަތުމަށް ބޭނުންފުޅުވާ ޔޫނިއަންގެ މެމްބަރުން، ޔޫނިއަންގެ ޕްރިމިއަމް އެޑް-އޮން އަށް ސަބްސްކުރައިބް ކުރެއްވުމުން، މި ޕޮލިސީ ބައްލަވައި ގަނެވޭނެއެވެ. ޔޫނިއަންގެ މެމްބަރުން ނޫން ފްރީލާންސްކޮށް މަސައްކަތްކުރާ ފަންނުވެރިންވެސް މިޕޮލިސީގެ ޙިދުމަތް ހޯދުމަށް ބޭނުންފުޅުވާނަމަ ޔޫނިއަންގައި ރެޖިސްޓަރ ކުރެއްވުމުން މި ޕޮލިސީ ބައްލަވައި ގަނެވޭނެއެވެ.
މިއީ މިފަދަ ހިދުމަތެއް ފްރީލާންސްކޮށް މަސައްކަތްކުރާ ފަންނުވެރިންނަށް ތައާރަފުކުރެވިގެންދާ ފުރަތަމަ ފަހަރެވެ.
ޔޫނިއަންއާއި ދިވެހި އިންޝުރެންސް ކޮމްޕެނީގެ ފަރާތުން މި އިންޝުއަރެންސް ޕޮލިސީއާއި ބެހޭގޮތުން އިތުރު މަޢުލޫމާތު ދިނުމުގެ ސެޝަންއެއް 23 ފެބްރުއަރީ 2022 ވަނަ ދުވަހު، 15:30 ގައި ކުލަބް ހައުސް އެޕްލިކޭޝަން މެދުވެރިކޮށް ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ.
ދިވެހި އިންޝުއަރެންސް ކުންފުނިއަކީ އިންޝުއަރެންސް ދާއިރާގައި 20 އަހަރުގެ ތަޖްރިބާ ހޯދާފައިވާ އަބްދުލް ވާހިދު ތައުފީޤް އުފައްދަވާފައިވާ ކުންފުނިއެކެވެ. 2016 ވަނަ އަހަރު މިކުންފުނި އުފެއްދީ އެންމެ ފަހުގެ ޒަމާނީ އިންޝުއަރެންސް ކަވަރޭޖް މާރކެޓްއަށް ތައާރަފް ކުރުމުގެ މަޤްޞަދުގައެވެ.
މި އިންޝުއަރެންސް ޕޮލިސީގެ ހިދުމަތް މިއަދުން ފެށިގެން ބައްލަވައި ގަނެވޭނެއެވެ.