ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ގާނޫނުގެ 15 ވަނަ މާއްދާގެ (ގ) ގައިވާ ގޮތުގެމަތީން "ގައުމީ ތަރިކަ ކޮމިޓީ"ގެ ނަމުގައި ކޮމިޓީއެއް އުފައްދަވައި، އެ ގާނޫނުގެ 17 ވަނަ މާއްދާ އިން ބާރުލިބިފައިވާ ގަވާއިދުން އެ ކޮމިޓީއަށް މެމްބަރުން އައްޔަން ކުރައްވައިފިއެވެ. މި ކޮމިޓީ އުފެއްދެވީ އިއްޔެއެވެ. ކޮމިޓީ އެކުލަވާލެއްވީ ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒުންނެވެ. ކޮމިޓީ އެކުލެވިގެންވަނީ 13 މެމްބަރެއްގެ މައްޗަށެވެ.

ކޮމިޓީގެ މެމްބަރުން

  • މުޙައްމަދު ޠާރިޤް، މިނިސްޓަރ އޮފް ސްޓޭޓް ފޮރ އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް؛
  • ޒިފްލީން ޙަސަން، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް؛
  • މުޙައްމަދު އާމިރު، ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފުގެ ޑިރެކްޓަރ ޖެނެރަލް؛
  • އައްޝައިޚް މޫސާ އަންވަރު ޙަސަން، މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒްގެ މުސާއިދު ވާއިޛް؛
  • ޙައްވާ ނަޒްލާ، ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުގެ ޑިރެކްޓަރ ޖެނެރަލް؛
  • މުޙައްމަދު ޒާހިރު، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީގެ ޑިރެކްޓަރ ޖެނެރަލް؛
  • އަލްއުސްތާޛް މުޙައްމަދު ނާޖިހު، ފަންނާއި ސަގާފަތާއި ތަރިކައިގެ ވުޒާރާގެ ރިސަރޗް އެނަލިސްޓް؛
  • ޒަހާ އަހުމަދު، ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒުގެ އާކިޓެކްޓް؛
  • އަޙްމަދު ސުޖީތު، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ޕްރޮޖެކްޓް އިންޖިނިއަރ؛
  • ޢަބްދުﷲ އިޔާޒު، މިނިސްޓްރީ އޮފް ޓޫރިޒަމްގެ ޕްލޭނިންގ އޮފިސަރ؛
  • ނަސީމާ އަހުމަދު، ދިވެހިބަހުގެ ދާއިރާއަށް ގިނަދުވަހު ޚިދުމަތް ކުރައްވާފައިވާ ދިވެހިބަހުގެ އެކެޑަމީގެ ކުރީގެ ޑިރެކްޓަރ ޖެނެރަލް؛
  • މަރިޔަމް އިޝާ ޢަޒީޒް، އާކިޓެކްޓް އަދި ލިޔުންތެރިއެއް.
  • ޢަލީ ޝަރީފު، އާކިޓެކްޓެއް

ކީއްކުރަން އުފެއްދި ކޮމިޓީއެއް؟

މި ކޮމިޓީއަކީ ސަގާފީ ތަރިކަ ގިންތިކުރުމާއި، ފާހަގަކުރެވޭ ސަގާފީ އަގުކުރުމާއި، ހިމާޔަތްކުރެވިފައިވާ ސަރަހައްދު ކަނޑައެޅުމާއި، ސަގާފީ ތަރިކަ ދަފުތަރުން އުނިކުރުމާއި، ދާއިމީ ތަކެތީގެ ތެރޭގައި ހިމެނުމަށް ގައުމީ ދާރުލްއާސާރަށް ގަނެގެން ހޯދާ ތަކެތި ކަނޑައެޅުމެވެ. މީގެ އިތުރުން ގައުމީ ދާރުލްއާސާރުގެ ދާއިމީ ތަކެތީގެ ތެރެއިން ތަކެތި އުނިކުރުމާއި، ގައުމީ ދާރުލްއާސާރުގެ ތަކެތީގެ ތެރެއިން އަނބުރާ ރައްދުކުރާ ގޮތަށް ދޫކުރާ ތަކެތި ދޫކުރުމުގެ ހުއްދަ ދިނުމުގައި ލަފާދިނުމާއި، ކޮމިޓީއަށް ހުށަހެޅޭ މައްސަލަތައް ބަލައި ފިޔަވަޅު އެޅުމެވެ. އަދި ގާނޫނު ތަންފީޒު ކުރުމުގައި ލަދާ ހޯދުމަށް ވަޒީރު އެދޭ ކަންކަންކަމަށް ލަފާ ދިނުމާއި މި ނޫނަސް ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކުން މި ކޮމިޓީ އިން ކުރާން ޖެހޭނޭކަމަށް ބުނާ ކަންކަން ކުރުމަށް އުފެއްދި ކޮމިޓީއެކެވެ.