އިނގިރޭސި ޕްރިމިއަރ ލީގުގައި ވާދަވެރި ޗެލްސީ 0-2 އިން ބަލިކޮށް އެންމެފަހުގެ ޗެމްޕިއަން ލިވަޕޫލް ހަމަޖެހިލައިފިއެވެ.
މިސީޒަނަށް ޓީމު ވަރުގަދަ ކުރުމަށް 190 މިލިޔަން ޕައުންޑް ހަރަދު ކުރި ޗެލްސީން ލިވަޕޫލާ ދެކޮޅަށް ނިކުތީ އެޓީމަށް މިފަހަރު އެންމެ އަގުބޮޑުކޮށް ގެނައި ދެކުޅުންތެރިން ކަމުގައިވާ ޖަރުމަނުގެ ނުރައްކާތެރި ފޯވާޑް ޓިމޯ ވާނާ އާއި ހުނަރުވެރ ކައި ހަވާޓްޒް ފުރަތަމަ އެގާރައިގައި ހިމަނައިގެންނެވެ.
މެޗް ފަށައިގެން ދެޓީމުގެ ފަރާތުންވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު ފުރަތަމަ ހާފުގައި ލަނޑު ޖަހާނެ ރަގަޅު ދެފުރުސަތު ވާނާއަށް ލިބުނެވެ. މިދެފުރުސަތަށްވެސް ހުރަސްއެޅީ ލިވަޕޫލްގެ ޑިފެންޑަރުންނެވެ.
ޗެލްސީއަށް މައްސަލަތައް ކުރިމަތިވީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި އެޓީމުގެ ޑިފެންޑަރު އެންޑްރެސް ކްރިސްޓިސްސެންއަށް ރަތްކާޑް ދެއްކުމުންނެވެ. ނަތީޖާއަކަށް ވެގެންދިޔައީ ދެވަނަ ހާފް ފަށައިގެން ޗެލްސީއަށް މެޗް ތެރެއަށް ނުވަދެވި އުޅެނިކޮށް އިތުބާރު ފޯވާޑް ސާޑިއޯ މާނޭގެ ލަނޑަކުން ލިވަޕޫލުން ލީޑް ނެގުމެވެ. އޭގެ ހަތަރު މިނެޓްފަހުން މާނޭ އިތުރު ލަނޑެއް ޖަހައި ލިވަޕޫލަށް ލީޑް ފުޅާކޮށްދިނެވެ.
އަމިއްލަ ދަނޑުގައި ކުޅެމުންދިޔަ ޗެލްސީން ނަތީޖާ ހަމަހަމަ ކުރުމަށް ހިތްވަރެއް ލިބިގެންދިޔައީ 73 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުންނެވެ. މިއީ ބަޔާން މިޔުނިކް ދޫކޮށް މީގެ ދެދުވަސް ކުރިން ލިވަޕޫލާ ގުޅުނު ސްޕެއިނުގެ ތަޖުރިބާކާރު މިޑްފީލްޑަރު ތިއާގޯ އަލްކަންޓްރާ، ވާނާއަށް ކުރި ފައުލަކަށް ލިބުނު ޕެނަލްޓީއެކެވެ. އެހެންނަމަވެސް ޖޯގީނިއޯ ފޮނުވާލި ޕެނަލްޓީ ލިވަޕޫލްގެ ކީޕަރު އެލިސަން ބެކާ ވަނީ ދިފާއު ކޮށްފައެވެ. މިއީ ޗެލްސީގެ ޖާޒީގައި ޖޮގީނިއޯ ފޮނުވާލި 9 ޕެނަލްޓީގެ ތެރެއިން މިހާތަނަށް ނާކާމިޔާބުވި ހަމައެކަނި ޕެނަލްޓީއެވެ. އަނެއްކޮޅުން މިއީ ލިވަޕޫލްގެ ޖާޒީގައި ބެކާއަށް މިހާތަނަށް ދިފާއު ކުރެވުނު ހަމައެކަނި ޕެނަލްޓީކަން ފާހަގަ ކޮށްލެވެއެވެ.
މިމެޗުގައި އެންމެ ބޮޑަށް ފާހަގަވީ ދެވަނަ ހާފްގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނިކުމެ ލިވަޕޫލްގެ މެދުތެރޭގައި ތިއާގޯ ދެއްކި ކުޅެމެވެ. މިމެޗުގައި އޭނާ 75 ޕާސް ކާމިޔާބު ކަމާއެކު އެހެން ކުޅުންތެރިންނަށް ފޯރުކޮށްދީފައިވާއިރު ޗެލްސީގެ އެއްވެސް ކުޅުންތެރިޔަކަށް މިއަދަދަށް ޕާސް ޖެހިފައެއް ނުވެއެވެ.
ލީގުގައި މިހާތަނަށް ޗެލްސީ އާއި ލިވަޕޫލްވެސް ދެމެޗް ކުޅެފައިވާއިރު ތާވަލުގެ 3 ވަނައިގައި ލިވަޕޫލް އޮތީ 6 ޕޮއިންޓާއެކުއެވެ. ޗެލްސީ ދިހަވަނައިގައި އޮތީ 3 ޕޮއިންޓާއެކުއެވެ.
ލީގުގައި އަންނަ ހޮނިހިރު ދުވަހުގެ ރޭ ޗެލްސީ ނިކުންނާނީ ވެސްޓް ބްރޮމިޗާ ދެކޮޅަށެވެ. އަދި ލިވަޕޫލް އަންނަ އަންގާރަ ދުވަހުގެ ރޭ ދަންވަރު ނިކުންނާނީ އާސެނަލްއާ ދެކޮޅަށެވެ.