ގައުމުތަކަށް ވެކްސިން ފޯރުކޮށްދިނުމުގައި ހަމަހަމަކަން ގެއްލިފައިވާ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

ނައިބު ރައީސް މިހެން ވިދާޅުވީ “ގެލްވަނައިޒިންގ މޮމެންޓަމް ފޮރ ޔުނިވަރސަލް ވެކްސިނޭޝަން” ގެ ނަމުގައި އ.ދ. ގެ މަތީ ފަންތީގެ މަޝްވަރާތައް ކުރިއަށްގެންދާ ޕްލެނަރީ ސެގްމަންޓަކަށް ދެއްވި ވީޑިއޯ މެސެޖެއްގަ އެވެ.

ނައިބު ރައީސް ވިދާޅުވީ ޤައުމުތަކަށް ވެކްސިން ފޯރުކޮށްދިނުމުގައި ހަމަހަމަކަން ގެއްލިފައިވާ ކަމަށާއި ވެކްސިން ފޯރުކޮށްދިނުމުގައި އެހީތެރިކަން އެންމެ ބޮޑަށް ބޭނުންވާ ޤައުމުތަކަށް އިސްކަން ދޭންޖެހިފައިވާ ކަމަށެވެ. އަދި އާމްދަނީ މަދު އަދި ތަރައްޤީވަމުން އަންނަ ޤައުމުތަކުގައި ބޮޑެތި އާބާދީތަކަށް ވެކްސިން ނުލިބި ފަރަގު ބޮޑުވެފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

ވެކްސިނަކީ ހަޤީޤީ މާނައެއްގައި އެންމެނަށް ފޯރުކޮށްދެވޭ އެއްޗަކަށް ހަދަން ބޭނުންނަމަ ސިޔާސީ ތަޢައްސަބުން އެއްކިބާވެ، އެމަގުން ހަރުދަނާ މަސައްކަތްތަކެއް ކުރަންޖެހޭކަން ނައިބު ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ. އަދި ވެކްސިންގެ ރައްކާތެރިކަން އެންމެނަށް ނުލިބެނީސް އެއްވެސް މީހަކަށް ރައްކާތެރިކަމެއް ނެތް ކަމަށްވެސް ވިދާޅުވި އެވެ.

މީގެއިތުރުން ނައިބު ރައީސް ވަނީ ކޯވިޑް ވެކްސިންގެ ޕޭޓަންޓްތައް ވަގުތީގޮތުން މަޑުޖައްސާލައި، ވެކްސިންގެ ރައްކާތެރިކަން އެންމެހާ ޤައުމުތަކަށް ހޯދައިދިނުމަށް މަސައްކަތް ކޮށްދެއްވުމަށް ޤައުމުތަކުގެ ލީޑަރުންނަށް ގޮވާލައްވާފަ އެވެ. އެގޮތުން ދަށް އަދި މެދު ފަންތީގެ ޤައުމުތަކުގައި ކޯވިޑާއި ދެކޮޅަށް ކުރާ މަސައްކަތަށް އެހީވުމަށް ގާއިމްކޮށްފައިވާ އޭ.ސީ.ޓީ. އެކެސެލެރޭޓަރގެ ގްރާންޓް ފަންޑިންގއަށް މަދުވާ 16 ބިލިއަން ޑޮލަރު ހަމަކޮށްދިނުމަށް މަސައްކަތް ކޮށްދެއްވުމަށް ނައިބު ރައީސް އެދިވަޑައިގެންނެވިއެވެ.