މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ބޮޑު ހިޔާނާތުގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނާއެކު ބައިވެރިވިކަމުގެ ތުހުމަތު ކުރެވޭ ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑަށް ދައުލަތުން ކުރާ ދައުވާ އިއްވައި، ދައުވާއަށް ޖަވާބުދާރީ ވުމަށް ފުރުސަތެއް ދެއްވައިފި އެވެ.

އާދިއްތަ ދުވަހު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި ދައުލަތުގެ ފަރާތުން ދައުވާ އިއްވާފައިވެއެވެ. ނަމަވެސް ދައުވާ ސާފު ނުވާކަމަށް ވިދާޅުވެ، ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިންގ ކުންފުނީގެ ވަކީލުން ގިނަ ވަގުތު މިއަޑުއެހުމުގައި ހޭދަކުރެއްވި އެވެ. ފަހުން ދައުވާ ސާފުވާކަމަށް ވިދާޅުވެ، މިމައްސަލައާ ގުޅޭ ބައެއް ލިޔެކިޔުންތައް މަދުކަން ފާހަގަ ކުރެއްވުމުން، އެވާހަކައިގެ ރައްދެއްގެ ގޮތުން ގާޒީ ވަނީ މީގެ އެއްމަސް ކުރިން ބޭއްވި އަޑުއެހުމުގައި ލިޔެކިޔުންތައް ހަމައަށް ލިބިފައި ނުވާކަން ދައުވާ ލިބޭ ފަރާތުން ހާމަކޮށްފައި ނުވާ ކަމަށެވެ.

ގާޒީ ވަނީ މަދުވާ ލިޔެކިޔުންތައް ފޯރުކޮށްދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ. ގާޒީ އެހްނ ވިދާޅުވުމްން ދިފާއީ ވަކީލު ވަނީ ކިޔެކިޔުންތައް ހަމައަށް ލިބުމުން ދައުވާއަށް ޖަވާބުދާރީ ވުމަށް އިތުރު ފުރުސަތެއް ދެއްވުމަށް އެދިވަޑައިގަންނަވާފަ އެވެ. މިމައްސަލާގައި އަޑުއެހުމެއް ބޭއްވޭނީ އަންނަ ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހު އެވެ. އެދުވަހުގެ އަޑުއެހުމަށް ދައުވާއަށް ޖަވާބުދާރީ ވުމަށް ތައްޔާރުވެވަޑައިގެން، ވަޑައިގެންނެވުމަށް ގާޒީ ވަނީ މިއަދުގެ އަޑުއެހުމުގައި އެދިވަޑައިގަންނަވާފަ އެވެ.

ދައުލަތުން އުފުލި ދައުވާގައި ބުނެފައިވަނީ، ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރުސީ މެދުވެރިކޮށް، ޓޫރިސްޓް ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރުމަށް ރ. ފުއްގިރި ކުށްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން، ރައީސް ޔާމީން، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން، ކ. މާލެ، މއ. ކުރިކީލަހިޔާ، އަހުމަދު ކްރިކް ރިޒާ، މެދުވެރިކޮށް ރިޝްވަތުގެ ގޮތުގައި، 1،117،000 (އެއް މިލިއަން އެއް ލައްކަ ސަތާރަ ހާސް) ޑޮލަރު ހޯދައި، ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑާއި، ސަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ބޭނުންކޮށްގެން އެ ފައިސާ މަނީ ލޯންޑަރ ކުރުމަށްޓަކައި ފަށަލަކޮށްފައިވާ ކަމަށެވެ.

ބޭންކް އޮފް ސިލޯންގައިވާ ކުރިކް ރިޒާގެ އެކައުންޓަށް 1،117،000 (އެއް މިލިއަން އެއްލައްކަ ސަތާރަ ހާސް) ޑޮލަރު، ސްޓޭޓް ބޭންކް އޮފް އިންޑިއާގައި ހުޅުވާފައިވާ ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިންގ ކުންފުނީގެ އެކައުންޓަށް ޖަމާކޮށް، ސަން ސިޔާމުގެ އެހެން ކުންފުންޏެއް ކަމަށްވާ ސަން އިންވެސްޓްމަންޓް ކުންފުނި މެދުވެރިކޮށް، ރައީސް ޔާމީންއަށް ފައިސާ ފޯރުކޮށްދީފައިވާ ކަމަށް ދައުލަތުން ބުނެއެވެ.

ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑަކީ މޯލްޑިވްސް ޑިވަލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) ގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދުގެ މަސްލަހަތު އޮތް ކުންފުންޏެކެވެ، ހަމަ މި މައްސަލައިގައި ސަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ވެސް ދައުވާކޮށްފައިވެއެވެ.

މި މައްސަލައިގައި ތުހުމަތު ކުރެވޭ ފަރާތްތަކުގެ އަތުން، 591،118،915.20ރ. (ފަަސް ސަތޭކަ ނުވަދިހަ އެއް މިލިއަން އެއް ލައްކަ އަށާރަ ހާސް ނުވަ ސަތޭކަ ފަނަރަ ރުފިޔާ ވިހި ލާރި) ހޯދުމަށް ދައުލަތުން މަސައްކަތް ކުރާނެ ކަމަށް ޕީޖީ އޮފީހުން ބުނެފައިވެއެވެ.