އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓުގައި ކަނޑައަޅާފައިވާ މިންވަރަށް އާމްދަނީ ނުލިބިއްޖެ ނަމަ ބައެއް ޕީއެސްއައިޕީ ޕްރޮޖެކްޓުތައް ހުއްޓާލަން ޖެހިދާނެ ކަމުގެ ކަންބޮޑުވުން އެބައޮތް ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފިއެވެ.

ކޮމިޓީގައި ވާހަކަ ދައްކަވަމުން ގަވަރުނަރު ވިދާޅުވީ ކެޕިޓަލް ހަރަދުތަކަށް ބޭނުންވާ މިންވަރަށް އެތެރޭގެ މާކެޓުން ޑޮލަރު ނުލިބިއްޖެ ނަމަ ބައެއް ޕީއެސްއައިޕީ މަޝްރޫއުތައް ހުއްޓާލަން ޖެހިދާނެ ކަމުގެ ކަންބޮޑުވުން އެބައޮތް ކަމަށެވެ.. އަދި ބަޖެޓުގައި ހިލޭ އެހީ ލިބޭނެ ކަމަށް އަންދާޒާ ކޮށްފައިވާ މިންވަރަށް ނުލިބިއްޖެ ނަމަ ހިންގުމުގެ ހަރަދަށް ދާ މިންވަރު ހަމަނުޖެއްސޭނެ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

އަދި ދައުލަތުގެ ބަޖެޓުގެ ތެރެއިން ކެޕިޓަލް ހަރަދުތަކުގެ ތެރޭގައި ޕީއެސްއައިޕީ މަޝްރޫއުތައް ހިންގުމަށް ހަމަޖެހިފައި ވަނީ ލޯނާއި އާއްމު ބަޖެޓުން ކަމަށް ގަވަރުނަރު ވިދާޅުވިއެވެ.

އަންނަ އަހަރު ޕީއެސްއައިޕީއަށް ހުށައަޅާފައިވާ އަދަދަކީ 8306.2 މިލިއަން ރުފިޔާއެވެ. މިއީ 2020 ވަނަ އަހަރާ އަޅާބާލާއިރު 49.3 އިންސައްތަ އިތުުރު އަދަދެއް ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި މި އަހަރުގެ ބަޖެޓުން ޕީއެސްއައިޕީގެ ތެރެއިން މަޑުޖައްސާލެވުނު މަޝްރޫއުތަކަށްވެސް އަންނަ އަހަރުގެ ބަޖެޓުން ޖާގަދީފައި ވާނެ ކަމަށް ފިނޭންސުން ބުނެފައިވެއެވެ.

ގަވަރުނަރު ވިދާޅުވީ ހިންގުމުގެ ހަރަދު ފޫބެއްދުމަށް ހަމަޖެހިފައިވަނީ ހިލޭ އެހީންނާއި ލިބޭ އާމްދަނީއިން ނަމަވެސް ކެޕިޓަލް ހަރަދުތައް ކުރެވޭނީ އެކަންކަމަށް ބޭނުންވާ ފައިސާ ހަމަޖެހިގެން ކަމަށެވެ. މީގެ އިތުރުން ގަވަރުނަރު ވިދާޅުވީ ކޮވިޑާއި ގުޅިގެން ފަތުރުވެރިކަމަށް އައިސްފައިވާ ހީނަރުކަމާއި ބޭރު ފައިސާގެ ސަޕްލައި ދަށްވުމާއި ގުޅިގެން ޕީއެސްއައިޕީ ފަދަ ކެޕިޓަލް ހަރަދުތަކަށް އާއްމު ބަޖެޓުގައި ކަނޑައެޅިފައިވާ މިންވަރަށް ފައިސާ ހަމަޖެއްސުމަށް ދަތިވާނެ ކަމަށެވެ.

އަންނަ އަހަރަށް ހުށައަޅާފައިވާ ޕީއެސްއައިޕީގެ ތެރޭގައި ދައުލަތުގެ އާއްމު ބަޖެޓުން 3258.3 މިލިއަން ރުފިޔާ ހަރަދުކުރާނެ ކަމަށް ވަނީ އަންދާޒާކޮށްފައެވެ. އަދި ލޯނުތަކުން 3890.4 މިލިއަން ރުފިޔާއާއި ބޭރުގެ ހިލޭ އެހީއިން 561.5 މިލިއަން ރުފިޔާގެ އިތުރުން ޓްރަސްޓު ފަންޑުން 596.2 ހަރަދު ކުރުމަށް ވަނީ ހަމަޖެހިފައެވެ.