މިނިސްޓްރީ އޮފް ޔޫތް އެންޑް ސްޕޯޓްސް އަހުމަދު މަހުލޫފްގެ މައްޗަށް ކުރާ ރިޝްވަތުގެ މައްސަލައިގެ ދައުވާ ކުރިއަށް ނުގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން ދެންމެ ކަނޑައަޅައިފި އެވެ.

ކްރިމިނަލް ކޯޓުގެ މިއަދުގެ އަޑުއެހުމުގައި ކަނޑައެޅީ މަހުލޫފަށް ލިބުނީ ރިޝްވަތުގެ ފައިސާކަން ސާބިތު ކޮށްދެވޭ ވަރުގެ ހެއްކެއް ދައުލަތުން ހުށަހަޅާފައި ނެތް ކަމަށެވެ.

މަހްލޫފްގެ މައްޗަށް އުފުލާފައިވާ ދައުވާގެ މައްސަލައިގައި މިއަދު ކްރިމިނަލް ކޯޓުގައި ހިންގި އިބްތިދާއީ އަޑުއެހުމުގައި އޮތީ ދައުވާ ހުށަހެޅުމާއި، ދައުވާއަށް ޖަވާބުދާރީވާ ގޮތެއް ބެލުމާއި ދެފަރާތުން ހެކި ހުށަހެޅުމެވެ. އެ ގޮތުން ދައުލަތުން ވަނީ 7 ޝަފަހީ ހެކިންނާއި 24 ކިތާބީ ހެކި ހުށަހަޅާފައެވެ. އަދި މަހުލޫފުގެ ފަރާތުން ވަނީ 3 ޝަފަހީ ހެކިންނާއި، 1 ކިތާބީ ހެކި ހުށަހަޅާފައެވެ.

މިއަދުގެ އަޑުއެހުމުގައި ދައުލަތުން ދައުވާތައް އިއްވުމުން، ދައުވާއަށް ޖަވާބުދާރީވުމަށް ދިން ފުރުސަތުގައި މަހުލޫފް ވަނީ ދައުލަތުން އޭނާގެ މައްޗަށް ކުރާ ދައުވާއަށް އިންކާރު ކުރާކަމަށް ވިދާޅުވެފައެވެ. މަހުލޫފްގެ ވަކީލު އާއިޝަތު ޝީނާ ވިދާޅުވީ، މަހުލޫފްގެ މައްޗަށް ދައުވާ ކުރަނީ އެސްއީޒެޑް ބިލަށް ވޯޓު ދިނުމުގެ މުގާބިލުގައި ރިޝްވަތު ހިފާފައިވާ ކަމަށް ތުހުމަތުކޮށް ކަމަށްވާއިރު، އެކަން ސާބިތުކުރުމަށް ދައުލަތުން އެކަށީގެންވާ ހެކި ހުށަހަޅާފައި ނެތް ކަމަށެވެ.

އަދި ހުށަހަޅާފައިވާ ހެކިންގެ ތެރޭގައި މަހުލޫފްގެ އެކައުންޓަށް ޖަމާވި ފައިސާއަކީ، ރިޝްވަތުގެ ގޮތުގައި ދީފައިވާ ފައިސާ ކަމަށް ބަޔާން ދީފައި ވަނީ އަހުމަދު އަދީބު ކަމަށްވާއިރު، އޭނާއަކީ މަހުލޫފްއާ ދެކޮޅުވެރިކަމެއް އޮތް މީހެއް ކަމަށާއި، އަދި އަދީބަކީ އޭނާގެ މައްޗަށް އެތައް ކުށެއް ސާބިތުވެފައިވާ މީހަކަށް ވާތީ އޭނާގެ ހެކިބަހުގެ މައްޗަށް އެކަނި ބަލައިގެން ކަމެއް ސާބިތު ނުކުރެވޭނެ ކަމަށެވެ.

މަހުލޫފްގެ މައްޗަށް އުފުލާފައި ވަނީ ކޮރަޕްޝަން ހުއްޓުވުމުގެ ގާނޫނުގެ ދަށުން ރިޝްވަތު ހިފުމުގެ ދައުވާއެވެ. އެއީ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު ކަމުގައި އޭނާ ހުންނެވި އިރު، އޮގަސްޓު 27، 2014 ދުވަހު އެސްއީޒެޑު ބިލަށް ތާއީދުކޮށް ވޯޓުދިނުމުގެ މުގާބިލުގައި، 33،000 ޑޮލަރުގެ ޗެކެއް މަހްލޫފްގެ ނަމުގައި ހުޅުވާފައިވާ ބީއެމްއެލްގެ އެކައުންޓަށް އޭގެ ފަސް ދުވަސް ފަހުން ޖަމާކޮށްފައިވާތީ އެވެ.